ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ތަމްސީލު ކުރައްވާ ސިޔާސީ ޕާޓީ ބަދަލުކޮށްފި ނުވަތަ އެ ޕާޓީން ވަކިކޮށްފި ނަމަ، އެ މެންބަރަކު މަޖިލީހުގެ މެންބަރުކަމުން ވަކިކުރުމުގެ ކުރިން، އެ ދާއިރާގެ ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނަގަންޖެހޭ ގޮތަށް ގާނޫނުއަސާސީ އަށް އިސްލާހެއް ހުށަހަޅައިފި އެވެ. މި އިސްލާހަކީ ސަރުކާރުގެ ފަރާތުން ބާރަށު ދާއިރާގެ ޕީއެންސީ މެމްބަރު އިބްރާހިމް ޝުޖާއު ހުށަހަޅުއްވާފައިވާ ބިލެކެވެ.
މަޖިލީހުގެ މެންބަރަކު ތަމްސީލު ކުރައްވާ ސިޔާސީ ޕާޓީ ބަދަލުކޮށްފި ނުވަތަ އެ ޕާޓީން ވަކިކޮށްފި ނަމަ މެންބަރުކަން ގެއްލޭ ގޮތަށް ގާނޫނުއަސާސީ އިސްލާހުކުރީ މިދިޔަ އަހަރުގެ ފަހުކޮޅުގަ އެވެ. ނަމަވެސް، މެމްބަރުކަމުން ވަކިކުރުމުގެ އިޖުރާއަތްތައް ކަނޑައެޅުމުގެ ބޭނުމުގައި ކަމަށް ޝުޖާއު ހުށަހެޅުއްވި މި އިސްލާހު މިއަދުގެ ޖަލްސާ އަށް ވަނީ އެޖެންޑާކޮށްފަ އެވެ.
ޝުޖާއު ހުށަހަޅުއްވާފައިވާ އިސްލާހުގައި ބަޔާންކޮށްފައިވަނީ، ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ބ) އަށް އިތުރުކުރާ ގޮތަށް، ޕާޓީ ބަދަލުކުރުމުން ނުވަތަ ޕާޓީން ވަކިކުރުމުން މެންބަރަކު މަޖިލީހުން ވަކިކުރެވޭނީ، އެ މެމްބަރަކު ތަމްސީލު ކުރައްވާ ދާއިރާގެ ރައްޔިތުންގެ މެދުގައި ނަގާ ފެންނަ ނުފެންނަ ވޯޓަކުން، ވަކިކުރުމަށް އަޣުލަބިއްޔަތު ލިބިގެން ކަމަށެވެ.
މީގެ އިތުރުން، އެ އާންމު ވޯޓުގައި މެމްބަރުކަމުން ވަކިކުރަން ވޯޓުލާ މީހުންގެ އަޣުލަބިއްޔަތު ނުލިބިއްޖެ ނަމަ، އެ މެމްބަރަކު މަޖިލީހުގައި ދެމިހުންނަވާނީ، އެއްވެސް ސިޔާސީ ޕާޓީއަކަށް ނިސްބަތް ނުވާ، މިނިވަން މެމްބަރެއްގެ ގޮތުގައި ކަމަށް އިސްލާހުގައި ބަޔާންކޮށްފައިވެ އެވެ.
ނަމަވެސް، އެ މެމްބަރަކު މަޖިލީހުގެ އެ އުމުރުގެ ތެރޭގައި ސިޔާސީ ޕާޓީގެ މެމްބަރަކަށް ވެއްޖެ ނަމަ، އެ މީހަކު މެމްބަރުކަމުން ވަކިވާނެ ކަމަށް ވެސް ކަނޑައެޅުމަށް ވަނީ ހިމަނައިފަ އެވެ. މި ބިލްގެ ފުރަތަމަ ކިޔުން މިއަދުގެ ޖަލްސާގައި އިއްވުމަށް ވަނީ ތާވަލުކޮށްފަ އެވެ.






