ސިޔާސީ މީހުންނަށްޓަކައި ކުރީގެ ސަރުކާރުތަކުން ޖަލުގައި ހަދާފައިވާ ގޮޅިތައް މިހާރު ހުރީ ހުސްކޮށް ކަމަށާއި، މި ސަރުކާރުން ސިޔާސީ ބޭނުމެއްގައި އެއްވެސް މީހަކު ހައްޔަރު ނުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ، މި ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީން މާލޭގެ އާޓިފިޝަލް ބީޗު ސަރަހައްދުގައި ބޭއްވި ބޮޑު ޖަލްސާގަ އެވެ.
ރައީސް ވިދާޅުވީ، ސިޔާސީ މީހުންނަށްޓަކައި ކުރީގެ އެކި ސަރުކާރުތަކުން ޖަލުގައި ހެދި ގޮޅިތަކަށް ލާނެ މީހަކު މިހާރު ނެތުމުން، ކަރެކްޝަނަލް ސާވިސްގެ މުވައްޒަފުންގެ ކަމަކީ އެ ގޮޅިތައް ފޮޅައި ސާފުކޮށް، ބެލެހެއްޓުން ކަމަށެވެ. "ދެން އަޅުގަނޑަކަށް އެ ތަނަކަށް ލާނެ މީހަކު ނެތް ފޮނުވޭކަށް. އެއީ އަޅުގަނޑު ސިޔާސީ ގޮތުން ބަދަލު ނުހިފާތީ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި އެ މަނިކުފާނުގެ ސިޔާސަތަކީ ސިޔާސީ ވިސްނުމަކާ ހެދި އެއްވެސް މީހަކު ހައްޔަރު ނުކުރުމެވެ. އެހެންކަމުން، މި ސަރުކާރުގެ ދެ އަހަރު ދުވަހުގެ ތެރޭގައި ވެސް އަދި ކުރިއަށް އޮތް ތަނުގައި ވެސް ސިޔާސީ ފިކުރުގެ މީހުން ޖަލަށްލުމުގެ އާދަ މި ސަރުކާރުން ނުގެންގުޅޭނެ ކަމުގެ ޔަގީންކަން އެ މަނިކުފާނު ދެއްވިއެވެ. އެ މަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، މީގެ ކުރީގެ ސަރުކާރުތަކުގައި ނަމަ ސަރުކާރަށް އެއް އަހަރު ނުވަތަ ދެ އަހަރު ވާއިރު ގިނަ ބަޔަކު ތިބެނީ ޖަލުގައެވެ. ނަމަވެސް، މި ސަރުކާރުގައި ސިޔާސީ ގޮތުން ކޮންމެ ވާހަކައެއް ކޮންމެ ބަޔަކު ދެއްކިޔަސް އެކަމާ ބެހިވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވިދާޅުވީ، ހަގީގީ މާނައިގައި ރާއްޖޭގައި ހަމަޖެހުން އޮންނަން އެ މަނިކުފާނު ބޭނުންފުޅުވާ ކަމަށާއި، އެކަން ކާމިޔާބު ވާނީ "ބަދަލުހިފުމުގެ ނުބައި އޮއިވަރު" ނައްތާލައިގެން ކަމަށެވެ. ބަދަލުހިފުމަށް ވުރެ ބޮޑަށް ގައުމު އިސްކޮށްގެން މަސައްކަތް ކުރާނެ ކަމަށް ވިދާޅުވެ، ޕީއެންސީގެ ލަޝްކަރަކީ ގައުމު އިސްކުރާ ލަޝްކަރެއް ކަމަށް އެ މަނިކުފާނު ސިފަކުރެއްވިއެވެ.
ޖަލުގައި ސިޔާސީ މީހުންނަށް ހާއްސަ ގޮޅިތަކަށް ލާނެ މީހުން ނެތް ނަމަވެސް، ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި ގާނޫނުގެ ކުރިމަތީގައި އެންމެން ހަމަހަމަވާނެއެވެ. އެހެންކަމުން، ގާނޫނުގެ ވެރިކަން ހިންގުމުގައި ތަފާތު ކުރުމަކީ އެ މަނިކުފާނަށް އޮތް "ޗޮއިސް" އެއް ނޫން ކަމަށް ވިދާޅުވިއެވެ. "އަދުލުވެރި ވެރިކަމެއްގައި އޮތް ޗޮއިސްއެއް ނޫން އޭނަ އާއި މީނަ އާއި އަނެކަކާ ތަފާތު ކުރުމަކީ. އެކަން ތަންފީޒު ވާނެ ކޮންމެ މީހަކަށް ވެސް. ސިސްޓަމް އެޕްލައި ވާނެ ކޮންމެ މީހަކަށް ވެސް،" ރައީސް ވިދާޅުވިއެވެ. ނަމަވެސް، ސިޔާސީ ގޮތުން އެއްވެސް މީހަކަށް "ކުރާނެ އުނދަގުލެއް" ނޯންނާނެ ކަމުގެ ޔަގީންކަން އެ މަނިކުފާނު އެރުވިއެވެ.






