ގަވާއިދާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ އުޅެނިކޮށް، ދިވެހި އަސްކަރިއްޔާގެ ޑްރޯންގެ އެހީގައި މިދިޔަ ހުކުރު ދުވަހު އަތުލައިގަތް ބޯޓު 355.9 ކިލޯގެ މަސްތުވާތަކެތި ހޯދައިފިއެވެ.
ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުން ފެނުނު، ސްރީލަންކާގެ މަސް ބޯޓެއްކަމަށް ބެލެވޭ "އަވިޝްކާ ޕުތާ" ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ނޮވެންބަރު 7 ވަނަ ދުވަހުއެވެ.މި އުޅަނދު ރާއްޖޭގެ ސަރަހައްދަށް ވަދެފައިވަނީ އެއްވެސް ހުއްދައެއް ނެތި ގާނޫނާއި ގަވާއިދާ ހިލާފަށެވެ.
ސިފައިން މި އުޅަނދު ބަލައި ފާސްކުރި އިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ގޯނިތަކެއް ހުރިކަން ފާހަގަކުރެވިގެން، އުޅަނދާއި އުޅަނދުގައި ތިބި 05 ފަޅުވެރިން ނޮވެންބަރު 9 ވަނަ ދުވަހު ފުލުހުންނާ ވަނީ ހަވާލުކޮށްފައެވެ.
ފުލުހުން މިއަދު ހާމަކުރި ގޮތުގައި ކޯޓު އަމުރެއްގެ ދަށުން މި އުޅަނދު ބަލައި ފާސްކުރި އިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 24 ގޯނި ފެނިފައިވާ ކަމަށާއި، މިތަކެތީގެ ވަގުތީ ބަރުދަނުގައި 355.9 ކިލޯ ގްރާމް ހުރި އިރު، އޭގެތެރޭގައި ހިމެނެނީ ހެރޮއިން ކަމަށް ޝައްކުކުރެވޭ 58.6 ކިލޯ ގްރާމް އަދި މެތަމްފެޓަމިން ކަމަށް ޝައްކުކުރެވޭ 297.3 ކިލޯ ގްރާމްގެ ތަކެއްޗެވެ.
ފުލުހުން ބުނީ މި މައްސަލައިގެ ތުހުމަތުގައި ސްރީލަންކާއަށް ނިސްބަތްވާ 5 މީހުން ހައްޔަރުކުރެވިފައިވާ ކަމަށާއި، އެއީ 39، 42، 28، 34 އަދި 63 އަހަރުގެ 5 ފިރިހެނުން ކަމަށެވެ.
މި މައްސަލަ، ދިވެހި ފުލުހުންގެ ހިދުމަތް، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، ސްރީލަންކަން ނޭވީ، އަދި ސްރީލަންކަން ޕޮލިސް ގުޅިގެން ދަނީ ތަހުގީގު ކުރަމުންނެވެ.




