ސަރުކާރުން ބީލަމަކާ ނުލައި އަމިއްލަ ކުންފުނިތަކަށް ދިން ތަރައްގީގެ 206 މަޝްރޫއުގެ މައްސަލަ ކޯޓަށް ހުށަހަޅަން އިދިކޮޅު އެމްޑީޕީން ނިންމައިފިއެވެ. މި މަޝްރޫއުތަކަށް ފައިސާ ދޫކުރުން ހުއްޓުވުމަށާއި، މިގޮތަށް މަޝްރޫއުތައް ކެބިނެޓުން ދިނުމަށް މަގުފަހިވާ ގޮތަށް ދައުލަތުގެ މާލިއްޔަތު ގަވާއިދަށް ގެނައި ބަދަލު ބާތިލްކުރުމަށް އެދި އެމްޑީޕީން ކޯޓަށް ދާން ނިންމީ ރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގައެވެ.
މި ނިންމުން ނިންމާފައިވަނީ ހޯރަފުށި ދާއިރާގެ ރައީސް އަހްމަދު ސަލީމް ހުށަހެޅުއްވި ގަރާރެއް ގައުމީ މަޖިލީހުން ފާސްކުރުމަށްފަހުގައެވެ. ސަލީމް ވިދާޅުވި ގޮތުގައި، މި މަޝްރޫއުތައް ދީފައިވަނީ އިއުލާނުކުރުމެއް ނެތި، ސަރުކާރާ ގުޅުންހުރި ކުންފުނިތަކަށް އިސްކަންދީގެންނެވެ. އަދި ބައެއް މަޝްރޫއުތައް ހަވާލުކޮށްފައިވަނީ ކޮންޓްރެކްޓަރުންގެ ދަފްތަރުގައި ނުހިމެނޭ ނުވަތަ އުވާލުމުގެ މަރުހަލާގައިވާ ކުންފުނިތަކަށް ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.
ސަލީމް ފާހަގަކުރެއްވި ގޮތުގައި، އެއް ބާވަތެއްގެ މަޝްރޫއުތައް ތަފާތު އަގުގައި، ކުންފުނިތަކުގެ ފަންނީ އަދި މާލީ ގާބިލުކަމަށް ނުބަލައި ދިނުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެކެވެ. އޭނާ ވިދާޅުވީ، "ސަރުކާރުގެ ޕްރޮޖެކްޓްސްތައް ބީލަމަށް ނުލައި ހާމަކަމެއް ވާދަކުރުމުގެ ފުރުސަތެއް ނެތި ކެބިނެޓުން ބޭނުންވާ ބަޔަކަށް ބޭނުންވާ އަގެއްގައި ދެވޭނެ ގޮތަށް ގަވައިދު ބަދަލުކުރުމަށްފަހު 200އަށްވުރެ ގިނަ އެގްރީމެންޓު ހަވާލުކުރަން ސޮއިކޮށްފައިވީ ހިނދު، އެއްވެސް ހާމަކަމެއް، ހަމަހަމަކަމެއް ނެތި ކޮށްފައިވާ އަމަލެއްކަން ފާހަގަކުރެވޭ."
އެމްޑީޕީގެ ގަރާރުގައި ސަރުކާރަށް ގޮވާލާފައިވާ މައިގަނޑު ކަންކަމުގެ ތެރޭގައި، އެ އެއްބަސްވުންތައް ބާތިލްކުރުމާއި، މިނިވަން މުއައްސަސާތަކުން މައްސަލަ ތަހުގީގުކޮށް ގާނޫނީ ފިޔަވަޅު އެޅުމަށް ހިމެނެއެވެ. މީގެ އިތުރުން، ދައުލަތުގެ މާލިއްޔަތު ގަވާއިދަށް ގެނައި ޣައިރު ދުސްތޫރީ ބަދަލު ބާތިލްކުރުމަށް ވެސް ގަރާރުގައި ވަނީ ގޮވާލާފައެވެ. ގަރާރުގައި އިތުރަށް ބުނެފައިވަނީ، މި މައްސަލައިގައި މިހާރު ފިޔަވަޅު ނާޅައިފިނަމަ، އެމްޑީޕީން ދެން އަންނަ ސަރުކާރެއްގައި މިފަދަ ފަރާތްތަކަށް ގާނޫނީ ފިޔަވަޅު އަޅައި ދައުވާކުރާނެ ކަމަށާއި، މަޝްރޫއުތަކަށް ފައިސާ ދޫކުރުން ހުއްޓުވުމަށް ކޯޓު އަމުރަކަށް އެދޭނެ ކަމަށެވެ.
މި މައްސަލަ ގުޅިފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 12 ވަނަ ދުވަހު ދައުލަތުގެ މާލިއްޔަތު ގަވާއިދަށް ގެނައި ބަދަލަކާގައެވެ. މި ބަދަލުގެ ދަށުން، ވަޒީރުންގެ މަޖިލީހުން ނުވަތަ ކޮމިޓީއަކުން ކަނޑައަޅާ ވަކި ބާވަތެއްގެ މަޝްރޫއުތައް (އާންމު ރައްޔިތުންގެ އަސާސީ ބޭނުންތަކާއި، ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށްދޭ، ނުވަތަ ސަލާމަތީ ހިދުމަތްތަކަށް ހާއްސަ މަޝްރޫއުތައް) ބީލަމަކާނުލައި ސަރުކާރުން ބޭނުންވާ ކުންފުންޏަކަށް ދެވޭނެ އުސޫލު ވަނީ ހަމަޖައްސާފައެވެ. ބީލަމަކަށް ނުލައި ދީފައިވާ މަޝްރޫއުތަކުގެ ތެރޭގައި ބޯހިޔާވަހިކަމާއި، ސިއްހަތާއި ތައުލީމާއި، ކުނި މެނޭޖްކުރުމުގެ އިތުރުން ކުޅިވަރުގެ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިމެނެއެވެ.
މި މައްސަލައާ ގުޅިގެން، ސަރުކާރުން ޕްރޮޖެކްޓް އެވޯޑުކުރި ކޮންޓްރެކްޓަރުންނަށް އުސޫލުން ބޭރުން ފައިސާ ދޫކުރާކަމަށް ކުރާ ތުހުމަތުތައް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވަނީ ދޮގުކޮށްފައެވެ. ބޭންކުން ބުނެފައިވަނީ، ކަމުގެ މަޢުލޫމާތު ރަގަޅަށް ނުހޯއްދަވާ، ބައެއް ފަރާތްތަކުން ވަކި މަގުސަދެއް ހާސިލްކުރުމަށްޓަކައި ބީއެމްއެލްގެ ކަސްޓަމަރުންނަށާއި ހިއްސާދާރުންނަށް އޮޅޭގޮތަށް ހަގީގަތާ ހިލާފު މައުލޫމާތު ދިނުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށާއި، އާންމުންނަށް ހަގީގަތް އޮޅޭފަދަ ގޮތަކަށް މައުލޫމާތު ނުފެތުރުމަށް އިލްތިމާސްކުރާ ކަމަށެވެ.
އެމްޑީޕީއިން މިކަމާއި ކޯޓަށް ދާން ނިންމިއިރު އެމްޑީޕީގެ ބައެއް އިސް ބޭފުޅުންގެ މަސްލަހަތު ހިމެނޭ ކުންފުނިތަކަށްވެސް ޕްރޮޖެކްޓްތައް އޮތީ ލިބިފައެވެ.މިގޮތުން އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސް އަދި އައްޑޫމީދޫ ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު ރޮޒެއިނާ އާދަމްގެ އާއިލީ ކުންފުނި ކަމަށްވާ ޑޮނާޑް ޕްރައިވެޓް ލިމިޓެޑްއާ ވަނީ ޖުމުލަ 8 ޕްރޮޖެކްޓް ހަވާލުކޮށްފައެވެ. އިކޮނޮމިކް މިނިސްޓްރީގެ ރިކޯޑުތަކުން ދައްކާގޮތުގައި ޑޮނާޑް ޕްރައިވެޓް ލިމިޓެޑް ރަޖިސްޓަރީކޮށްފައިވަނީ ރޮޒެއިނާ އާދަމްގެ މަންމަ އާއި ކޮއްކޮގެ ނަމުގައެވެ. މި ކުންފުންޏަށް ހަވާލުކުރި ޕްރޮޖެކްޓްތަކުގެ ޖުމްލަ އަގު 25,991,340.43 ރުފިޔާ އަށް އަރައެވެ.
ބާސެލޯ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތެއްގައި ސަރުކާރުން ހަވާލުކުރި މި މަޝްރޫއުތަކުގެ ޖުމުލަ އަގު 2.7 ބިލިއަން ރުފިޔާ އަށް އަރާއިރު، މިއީ ގައުމީ ފެންވަރުގައި ހިންގާ ބޮޑު ތަރައްގީގެ މަސައްކަތެކެވެ. މި މަޝްރޫއުތަކުގެ ތެރޭގައި 12 ރަށެއްގައި 725 ހައުސިން ޔުނިޓު އެޅުމާއި، 39 ރަށެއްގައި ޕޮލިސް ސްޓޭޝަން އެޅުން ހިމެނެއެވެ. މީގެ އިތުރުން، 14 މިސްކިތަކާއި ވަގުފް އިމާރާތެއް ބިނާކުރުމާއި، 52 ކުޅިވަރު ކޯޓު (ފުޓްސަލް، ވޮލީބޯޅަ، ހޭންޑްބޯޅަ) އެޅުމުގެ މަޝްރޫއުތައް ވެސް ހިމެނެއެވެ.




