ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ (241 ކޮމިޓީ) ލަފާގެ މަތިން ރައީސް މުހައްމަދު މުއިއްޒު ވަޒީފާއިން ވަކިކުރެއްވި ކަސްޓަމްސްގެ ދެ ޑެޕިއުޓީ ކޮމިޝަނަރުންގެ ތެރެއިން މަހުމޫދު ރިޔާޒު، އެ މަގާމަށް އަލުން އައްޔަން ކުރައްވައިފި އެވެ. ރިޔާޒުގެ މަގާމު އިއާދަކުރެއްވުމުގެ ނިންމުން އައީ، ކުރިން އޭނާ ވަކިކުރަން ލަފާދިން ކޮމިޓީން އިތުރަށް މައްސަލަ ބެލުމަށް ފަހު، އޭނާގެ ބައިވެރިވުމެއް ނެތްކަމަށް ނިންމައި، އަލުން މަގާމު ދިނުމަށް ރައީސްއަށް ލަފާ ދިނުމާ ގުޅިގެންނެވެ.
ކަސްޓަމްސްގެ ހިދުމަތުގައި 30 އަހަރަށް ވުރެ ގިނަ ދުވަހު އުޅުއްވި މަހުމޫދު ރިޔާޒު އާއި އަބްދުﷲ ވަހީދު ވަޒީފާއިން ވަކިކުރީ 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 29 ވަނަ ދުވަހު އެވެ. މިގޮތަށް ވަކިކުރަން ނިންމީ، 241 ކޮމިޓީން ކަސްޓަމްސްއާ ގުޅޭ މައްސަލަތަކެއް ބެލުމަށް ފަހު، ދެ ޑެޕިއުޓީ ކޮމިޝަނަރުން ހިމެނޭހެން އެ އިދާރާގެ ފަސް ވެރިޔަކު މަގާމުން ވަކިކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން ރައީސަށް ސިޓީއެއް ފޮނުވުމާ ގުޅިގެންނެވެ. ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރުން އައްޔަންކުރުމާއި ވަކިކުރުމުގެ ބާރު ލިބިފައިވަނީ ރައީސުލްޖުމްހޫރިއްޔާ އަށެވެ. މި މަގާމަށް އައްޔަންކުރެވެނީ ކަސްޓަމްސްގެ މުވައްޒަފުންގެ ތެރެއިންނެވެ.
ރިޔާޒުގެ މަގާމު އަލުން އިއާދަކުރަން ނިންމިކަން ހާމަކުރައްވަމުން ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، 241 ކޮމިޓީން މައްސަލަ އިތުރަށް ތަހުގީގުކޮށް، ރިޔާޒުގެ ބައިވެރިވުމެއް ނެތްކަމަށް ނިންމުމަށް ފަހު، ވަޒީފާ އަލުން އިއާދަކޮށްދޭން ރައީސަށް ލަފާ އެރުވުމުން، ރައީސުލްޖުމްހޫރިއްޔާ އެ ނިންމެވުން ތަންފީޒު ކުރެއްވީ ކަމަށެވެ. ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ރިޔާޒުގެ މަގާމު އިއާދަކުރުމަށް ލަފާ ދިނުމަށް ކޮމިޓީން ނިންމީ، އެކަމަށް އެދި ރައީސް މުއިއްޒުގެ ފަރާތުން ހުށަހެޅުމެއް ލިބިގެންނެވެ.
މި ނިންމުމާ ގުޅިގެން، ހީނާ ވަލީދު އެކްސް (ކުރީގެ ޓްވިޓާ) ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، "ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީން ކުރިއަށް ގެންދިޔަ ތަހުގީކާ ގުޅިގެން މަގާމުން ވަކިކުރެއްވި ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރު މަހްމޫދު ރިޔާޒްގެ މައްސަލަ، އެ ކޮމިޓީން އިތުރަށް ތަހްގީގު ކުރެއްވުމަށް ފަހު އެ މައްސަލައިގައި މަޙްމޫދު ރިޔާޒްގެ ބައިވެރިވުމެއް ނެތްކަމަށް ނިންމަވައި، ވަޒީފާ އަލުން އިއާދަކޮށްދޭން ކޮމިޓީން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އަރުވާފައިވާތީ، މަޙްމޫދު ރިޔާޒްގެ ވަޒީފާ ރައީސުލްޖުމްހޫރިއްޔާ އަލުން އިއާދަކުރައްވައިފި،" އެވެ.
މަގާމުން ވަކިކުރަން ކޮމިޓީން ލަފާ ދިން ކަސްޓަމްސްގެ އެހެން ވެރިންގެ މައްސަލަތައް މިހާރުވެސް ދަނީ ބަލަމުންނެވެ. އެފަރާތްތައް ވަނީ މަގާމުގެ މަސްއޫލިއްޔަތުން އެކަހެރިކޮށްފަ އެވެ.





