ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ފަށާފައިވާ "އޮޕަރޭޝަން ކުރަނގި"ގެ ދަށުން މިހާތަނަށް 18,800 އަށްވުރެ ގިނަ ބިދޭސީންގެ ބަޔޯމެޓްރިކްސް ނަގާފައިވާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ. ވަޒީރު މިކަން ހާމަކުރެއްވީ ރާއްޖޭގެ އިންސާނީ ހައްޤުތަކުގެ ހާލަތާއި ގުޅޭގޮތުން ކުރިއަށް ގެންދާ ޔުނިވަރސަލް ޕީރިއޮޑިކް ރިވިއު (ޔޫޕީއާރު) ގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ވަޒީރު އިޙްސާން ވިދާޅުވި ގޮތުގައި، އޮޕަރޭޝަން "ކުރަނގި" އަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މަޢުލޫމާތު އެއްކޮށް، އެފަރާތްތައް ގަވާއިދުގެ ތެރެއަށް ވެއްދުމަށް ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ. މި މަޝްރޫއު މިހާރު މުޅި ރާއްޖެއަށް ފުޅާކުރަމުންދާކަމަށް ވެސް ވަޒީރު ހާމަކުރެއްވިއެވެ.
އޮޕަރޭޝަން ކުރަނގީގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގައި ޤަވާއިދާ ޚިލާފަށް ދިރިއުޅެމުންދާ ބިދޭސީ މަސައްކަތްތެރިންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމެވެ. މި އޮޕަރޭޝަނުގެ ތެރެއިން ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ އިނގިލީގެ ނިޝާން ނެގުމާއި، އެ ބިދޭސީ މީހާ ވަޒީފާ އަދާކުރަނީ ރާއްޖޭގައި ހެދިފައިހުރި ޤަނޫނާއި ޤަވާއިދުގެ ދަށުންތޯ ޔަގީންކުރުމުގެ މަސައްކަތް ކުރިއަށްގެންދެވޭނެއެވެ.





