ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ފުރަތަމަ ގައުމީ ޖަލްސާ ބާއްވައި، އެ ޕާޓީގެ އިސް މަގާމުތަކަށް މެންބަރުން އިންތިޚާބުކޮށްފިއެވެ. ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްޤައްޔޫމްގެ އިސްނެންގެވުމަށް އުފެއްދެވި މި ޕާޓީގެ ރައީސްކަމަށް ހޮވިވަޑައިގެންނެވީ ޔާމީންއެވެ. އަދި އެ ޕާޓީގެ ނައިބު ރައީސްކަމަށް ހޮވިވަޑައިގެންނެވީ ޔާމީން ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދާއި، ޔާމީންގެ ދަރިކަލުން ޒެއިން އަބްދުالله ޔާމީނެވެ.
ރައީސްކަމާއި ނައިބު ރައީސްކަމަށް ވާދަކުރެއްވީ ހޮވިވަޑައިގެންނެވި ބޭފުޅުން އެކަނި ކަމަށްވުމުން، އެ ތިން ބޭފުޅުން ވަނީ އޮޓޮމެޓިކުން މަގާމުތަކަށް އިންތިޚާބުވެވަޑައިގެންފައެވެ. ޖަމީލާއި ޒެއިންގެ އިތުރުން ޕީއެންއެފް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި މުހައްމަދު މަލީހު ޖަމާލު ވަނީ އެ ޕާޓީގެ އަމީންއާންމު ކަމަށް އިންތިޚާބުވެވަޑައިގެންފައެވެ. އަދި ޚަޒާންދާރުކަމަށް އިންތިޚާބުވެވަޑައިގަތީ ޔާމީން ސަރުކާރުގެ ޗީފް އޮފް ސްޓާފް އަދި މިހާރުވެސް ވަގުތީ ޚަޒާންދާރުގެ މަގާމުގައި ހުންނެވި އަހްމަދު މުސްތަފާއެވެ.
އެ ޕާޓީން ބުނެފައިވާ ގޮތުގައި، ޕީއެންއެފްގެ ދާއިމީ މަގާމުތަކަށް ޖުމްލަ 56 މެންބަރަކު ވަނީ ވާދަކޮށްފައެވެ. ޒެއިން، ޖަމީލް، މަލީހު އަދި މުސްތަފާއަކީ ޕީއެންއެފް އުފެއްދުމުގައިވެސް އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި މެންބަރުންނެވެ. ޕީއެންއެފް ރަޖިސްޓްރީކުރެވުނީ މިދިޔަ އަހަރުގެ މާޗް މަހުގެ 25 ވަނަ ދުވަހުއެވެ.
ރައީސް ޔާމީން މި ޕާޓީ އުފެއްދެވީ، އެމަނިކުފާނު ހިމެނިވަޑައިގެންނެވި ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒު އިންތިޚާބު ކާމިޔާބު ކުރެއްވުމަށްފަހު، އެ ކޯލިޝަންގެ ލީޑަރުކަމުން އިސްތިއުފާދެއްވުމަށްފަހުއެވެ. ޔާމީން ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދެވުމުގެ ސަބަބުން، ކުރީގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތު އެމަނިކުފާނަށް ގެއްލިވަޑައިގަތެވެ.
ނަމަވެސް، ފަހުން އެ މައްސަލައިގައި ދަށު ކޯޓުން ކުރި 11 އަހަރުގެ ޖަލު ހުކުމް ހައިކޯޓުން ވަނީ ބާތިލުކޮށްފައެވެ. މިހާރު ޔާމީނާއި އެމަނިކުފާނުގެ އަރިސް ބޭފުޅުން ގެންދަވަނީ ޕީއެންއެފްގެ އޮފީހުގައި ސިލްސިލާކޮށް ހަފުތާއަކު ދެ ފަހަރު ޖަލްސާތައް ބާއްވައި، ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.







