ގަވާއިދާ ޚިލާފަށް އެތެރެކުރުމުން ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގައި ހުރި 13 މިލިއަން ސިނގިރޭޓު ވަގަށް ނެގި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ފަސް މީހަކު، ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ. މި ފަސް މީހުންގެ ތެރޭގައި ލޮޓަސް ފިހާރައިގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ) ހިމެނެއެވެ. މި މައްސަލައާ ގުޅިގެން މިހާތަނަށް ޖުމްލަ ނުވަ މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
ކަސްޓަމްސްއިން މިދިޔަ އޭޕްރިލް މަހުގެ 26 ވަނަ ދުވަހު ހިފަހައްޓާފައި ހުރި މި ދެ ކޮންޓެއިނަރުގެ 13 މިލިއަން ސިނގިރޭޓު ވަގަށް ނެގިކަން ފުލުހުންނަށް ރިޕޯޓުކުރީ މި މަހުގެ ނުވަ ވަނަ ދުވަހުއެވެ. ފުލުހުން ތުހުމަތުކުރާ ގޮތުގައި، މި ބޮޑު ވައްކަން ރޭވުމަށް ލޮޓަސް ފިހާރައިގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ)އާއި އެޕޯލޯ ހޯލްޑިންސްގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) ވަނީ ފަންޑުކޮށްފައެވެ. ދިގަލި ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން އަމުރުކުރީ މިދިޔަ ހޮނިހިރު ދުވަހުއެވެ.
މިއަދު ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކުރި ފަސް މީހުންނަކީ: އާއްޓޭ، ކަސްޓަމްސްގައި ކުރިން މަސައްކަތްކޮށް މިހާރު މިފްކޯގެ ޖެނެރަލް މެނޭޖަރެއް ކަމަށްވާ މުއާޒު އަލީ، ކަސްޓަމްސްގެ މުވައްޒަފެއް ކަމަށްވާ ޒިވާރު އިސްމާއީލް، އެމްޕީއެލްގެ މުވައްޒަފެއް ކަމަށްވާ އަހްމަދު ފިރުޝާން، އަދި ކޮންޓެއިނަރު އުފުލި ކަމަށް ބެލެވޭ ދޯނީގެ ކެޕްޓަން އާދަމް ވަހީދު އެވެ. މީގެ ތެރެއިން މުއާޒު އަލީ އާއި ޒިވާރު އިސްމާއީލަށް ކުރަނީ ވައްކަން އަމަލީ ގޮތުން ރާވައި ހިންގިކަމުގެ ތުހުމަތެވެ. އެ ދެ މީހުން ވަނީ ވަޒީފާއިން ސަސްޕެންޑުކޮށްފައެވެ.
ވައްކަމުގެ މި މައްސަލައާ ގުޅިގެން ހައްޔަރުކުރި އެމްޕީއެލްގެ އިތުރު ދެ މުވައްޒަފުން ކަމަށްވާ އަހްމަދު ޝަހީމާއި ހުސައިން ސާމިހުގެ ބަންދުގެ މުއްދަތު އަދި ހަމަނުވާކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ވަނީ ވަގަށް ނެގި ދެ ކޮންޓެއިނަރުގެ ބައިތައް މި މަހުގެ 19 ވަނަ ދުވަހު ތިލަފުށިން ހޯދާފައެވެ. މީގެ އިތުރުން، މި މައްސަލައާ ގުޅިގެން 12 މީހަކު ފުރުން މަނާކޮށްފައި ވެއެވެ.





