ކޮރަޕްޝަންގެ އެއްވެސް އަމަލެއް ހިންގަވާފައި ނުވާނެ ކަމަށާއި، ކުރިއަށް އޮތް ތަނުގައި ވެސް އެފަދަ ކަމެއް ނުކުރައްވާނެ ކަމަށް، 33 އަހަރު ފަހުން އިއްޔެ ކަސްޓަމްސްއިން ވަކި ކުރެއްވި މަހްމޫދު ރިޔާޒް މިއަދު ވިދާޅުވެއްޖެއެވެ. ރިޔާޒް މިހެން ވިދާޅުވީ، ރާއްޖެއަށް ވަގަށް އެތެރެކުރި ގިނަ އަދަދެއްގެ ސިނގިރޭޓާ ގުޅޭ މައްސަލައެއްގައި ކަސްޓަމްސްގެ ދެ ޑެޕިއުޓީ ކޮމިޝަނަރުން އިއްޔެ މަގާމުން ވަކިކުރެއްވުމާ ގުޅިގެންނެވެ.
ކަސްޓަމްސްގެ ދެ ޑެޕިއުޓީ ކޮމިޝަނަރުން ކަމަށްވާ އަބްދުﷲ ވަހީދާއި މަހްމޫދު ރިޔާޒް މަގާމުން ވަކިކުރެއްވީ އިއްޔެއެވެ. މި ދެ ބޭފުޅުންނަކީ ވެސް 32 އަހަރަށް ވުރެ ގިނަ ދުވަހު ކަސްޓަމްސްއަށް ޚިދުމަތްކުރައްވާފައިވާ ދެ ބޭފުޅުންނެވެ. އަބްދުﷲ ވަހީދު ޑެޕިއުޓީ ކޮމިޝަނަރު ކަމަށް އައްޔަންކުރީ ޖަނަވަރީ 3، 2024 ގައެވެ. މަހުމޫދު ރިޔާޒް އެ މަގާމަށް އައްޔަންކުރީ 2020 ވަނަ އަހަރުއެވެ.
ޚިދުމަތުގައި 33 އަހަރު ވެފައިވަނިކޮށް، ހުތުރު ތުހުމަތެއްގައި ވަޒީފާއިން ވަކި ކުރެއްވި ރިޔާޒު، ކަސްޓަމްސްގެ ކޮމިއުނިޓީ ގުރޫޕަށް ފޮނުއްވި މެސެޖެެއްގައި ވިދާޅުވީ، އޭނާގެ މައްޗަށް ތުހުމަތުތަކެއް ކުރާކަން އެނގިވަޑައިގަންނަވާ ކަމަށާއި ނަމަވެސް އެފަދަ އެއްވެސް ކޮރަޕްޝަންގެ އަމަލެއް ހިންގާފައިނުވާނެ ކަމަށެވެ. ރިޔާޒް ވަނީ އޭނާގެ އިންޓަގްރިޓީއާ މެދު އިތުބާރު ކުރެއްވުމަށް އެދިވަޑައިގެންފައެވެ.
"މާތްالله ގަންދީ ހުވާކޮށްފައި ބުނަން ގޯސް ކަމެއްގައި ބައިވެރިވެފައެއް ނުވާނެ. އަދި، ނުވެސް ވާނަން،" ރިޔާޒް ލިޔުއްވާފައިވެއެވެ. މިފަދަ ދަނޑިވަޅެއްގައި ތަފާތު ވާހަކަތައް ދެކެވޭނެ ކަމަށް ވިދާޅުވަމުން، އޭނާ ހުންނަވާނީ އަބަދުވެސް ހިފަހައްޓަވާ ރަނގަޅު އުސޫލުތަކުގައި ކަމަށް ރިޔާޒް ވިދާޅުވިއެވެ.






