އުރަމަތީގެ ކެންސަރު ދުރާލާ ދެނެގަނެވޭނޭ އިންތިޒާމާއި، ރަނގަޅު ފެންވަރުގައި ބައްޔަށް ފަރުވާ ހޯދޭނޭ ފުރުޞަތު އެންމެހާ ރައްޔިތުންނަށް ފަހިވެފައިއޮތުން މުހިންމުކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވެއްޖެ
އެއްވެސް އަންހެނަކީ، އުރަމަތީގެ ކެންސަރުގެ ފަރުވާއާ އެކަނިމައިއެކަނި ކުރިމަތިލާ މީހަކަށް ވާން ނުޖެހޭ ގޮތަށް، ރާއްޖޭގައި އުރަމަތީގެ ކެންސަރު ދުރާލާ ދެނެގަނެވޭނޭ އިންތިޒާމާއި، ރަނގަޅު ފެންވަރުގައި ބައްޔަށް ފަރުވާ ހޯދޭނޭ ފުރުޞަތު އެންމެހާ ރައްޔިތުންނަށް ފަހިވެފައި އޮތުން މުހިންމުކަމުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ، ހަވަނަ، "ބްރެސްޓް ކެންސަރ އެވެއަރނަސް ސިމްޕޯސިއަމް" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
އެކަމަނާގެ ވާހަކަފުޅުގައި ވަނީ، ކެންސަރުގެ ބަލި ތަހައްމަލު ކުރާ ކޮންމެ މީހެއް ކުރަނީ ތަފާތު ތަޖުރިބާއެއްކަމަށާއި، އެ ބަލީގެ ވޭން ތަހައްމަލުކުރާ މީހުންނާއި އެމީހުންގެ ޢާއިލާތަކުން ދައްކާ ހިތްވަރާއި ވިލުންތެރިކަމުގެ ނަމޫނާއިން، އެހެންމީހުންނަށް ހިތްވަރުހޯދޭކަމުގައި ވިދާޅުވެފައެވެ. އަދި އެ ވިލުންތެރިކަމާއި ހިތްވަރަކީ، ކެންސަރު ބައްޔަށް ފަރުވާދިނުމުގެ ދާއިރާ އިތުރަށް ކުރިއަރުވައި، ބަލި އަވަހަށް ދެނެގަތުމުގެ ޕްރޮޓޮކޯލްތައް ހަރުދަނާކޮށް، އެމީހުންނަށް ދޭ ފަރުވާގެ ފެންވަރު ރަނގަޅުކުރުމަށް ބާރުދޭ ހަކަތަ ކަމުގައިވާކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.
ޞިއްޙީ ނިޒާމަށް އައިސްފައިވާ ބައެއް ބަދަލުތަކުގެ ތެރެއިން، ޚާއްޞަކޮށް އެކި ބަލިބައްޔަށް ޚާއްޞަ ޑޮކްޓަރުން އެކުގައި މަސައްކަތްކޮށްގެން ކެންސަރަށް ފަރުވާދިނުމުގެ ތެރެއިން، ކެންސަރު ބަލި ތަހައްމަލުކުރާ މީހުންނަށް ބޭނުންވާ ހުރިހާ ފަރުވާއެއް އެކުގައި ލިބޭނޭ މަގުފަހިކުރެވިފައިވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ. މިހެން ފަރުވާދިނުމުގައި، ނަފުސާނީ ބަލިބައްޔާ ބެހޭ ފަންނީ މީހުންނާއި، ޑައެޓީޝަނުންނާއި، ފިޒިއޮތެރަޕިސްޓުންނާއި، ޕެލިއެޓިވް ކެއަރ ޓީމުތަކުން، ސަރޖަނުންނާއި އޮންކޮލޮޖިސްޓުންނާއެކު ދޭ ފަރުވާގެ އެދެވޭ ނަތީޖާއެއްގެ ގޮތުން، ބަލިމީހުން ތަހައްމަލުކުރަން ޖެހޭ ވޭން ކުޑަކޮށްދިނުމުގައި އެހީއަކަށްވާކަމަށް އެކަމަނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ޚާއްޞަކޮށް 40 އަހަރުން މަތީގެ އެންމެހާ އަންހެނުން، އަދި ޖުމުލަކޮށް ހުރިހާ އަންހެނުން، އަހަރަކު އެއްފަހަރު، މެމޮގްރާމް ހަދައި، ބަލީގެ ނިޝާންތަކަށް ސަމާލުވެތިބުމަށް އެކަމަނާ އިލްތިމާސްކުރެއްވިއެވެ. ދުޅަހެޔޮކަން ކަށަވަރުކުރުމަކީ ތަކުލީފެއް ނޫންކަމަށާއި އެއީ ޙައްޤެއްކަން، އެންމެހާ އަންހެނުންނަށް، އެކަމަނާ ހަނދުމަފުޅުކޮށްދެވިއެވެ.
ޞިއްޙަތާ ބެހޭ ވުޒާރާ އާއި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ ޓީމުތަކާއި، ޞިއްޙީ ފަރުވާދޭ އެކި މުއައްސަސާތަކުގައި ކެންސަރު ބަލީގެ ފަރުވާ ދިނުމުގައި ހަރަކާތްތެރިވާ އެކި ފަރާތްތަކުގެ އަގުވަޒަންކުރައްވައި، އެބޭފުޅުންގެ އިސްނެންގެވުމާއި، މަސައްކަތަކަށް ބަހައްޓަވާ އިޚުލާޞްތެރިކަމަށް އެކަމަނާގެ ވާހަކަފުޅުގައި ޝުކުރުއަދާކުރެއްވިއެވެ. އަދި ޞިއްޙީ ފަރުވާދިމުނުގައި އަންނަ ކުރިއެރުންތަކަކީ، އެކަމުގެ އަސަރު ސީދާގޮތެއްގައި ވަކިވަކި ފަރުދުންނާއި ޢާއިލާތަކަށް އިހުސާސްކުރެވޭ ކަމެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.






