ފިހާރައަކުން ވިޔަފާރި ކުރުމަށްފަހު ފައިސާ ދެއްކި ކަމަށް ބުނެ ފޭކު ބޭންކް ސްލިޕެއް ފޮނުވި މީހަކު ތިން މަހާއި 25 ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ. މި މައްސަލައިގައި ޖަލުގެ ހުކުމެއް އައިސްފައިވަނީ ހދ. ކުޅުދުއްފުށީ، ޗާނދަނީގޭ، މުހައްމަދު ފާރިހުގެ މައްޗަށެވެ.
ފާރިހުގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ މަކަރާއި ހީލަތް ހެދުމުގެ ދައުވާ އެވެ. އޭނާ ވަނީ ވިޔަފާރިކުރި ފިހާރައަށް ފައިސާ ޖަމާކުރި ކަމަށް ބުނެ ފޭކު ސްލިޕެއް ފޮނުވައިގެން، ޖުމްލަ 1299 ރުފިޔާގެ މުދާ އޮޅުވާލައިގެން ނަގާފަ އެވެ. މިއީ މަކަރާއި ހީލަތުން މުދާ ހޯދުމުގެ ކުށުގެ ތެރޭގައި ހިމެނޭ މައްސަލައެކެވެ.
މަކަރާއި ހީލަތުން ފިހާރައިން ނެގި މުދަލުގެ ތެރޭގައި ހިމެނެނީ ތިން ފޮށި ސިނގިރޭޓާއި، ދެ އެކްސެލް ދަޅާއި، އެއް ކްރަމްޕީ ފުޅި އާއި އެއް ޕާނާއި ދެ ޕެކެޓް ކޮފީ އަދި ދެ ފުޅި ކޮފީ ކަމަށް ކޯޓު ބަޔާނުގައި ވެ އެވެ.
މި މައްސަލައިގެ ޝަރީޢަތުގެ މަޖިލީހުގައި މުހައްމަދު ފާރިހު ވަނީ ދައުލަތުން އޭނާގެ މައްޗަށް ކުރި ދައުވާއަށް އިއުތިރާފުވެފަ އެވެ. ދައުލަތުގެ ފަރާތުން ފާހަގަކުރެއްވި ގޮތުގައި، މިކުށުގެ އަދަބުގެ އަސާސީ މިންގަނޑަކީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލުން ކަމަށް ވިޔަސް، އޭނާގެ ކުށުގެ ރެކޯޑަށް ބަލައި އަދަބު މަތިކުރަން ޖެހެ އެވެ.
ނަމަވެސް، ފާރިހު ކުށަށް އިއުތިރާފުވެފައިވާތީ، އަދަބުގެ މިންވަރު އަސާސީ މިންގަނޑުން އެއް ދަރަޖަ ދަށްކޮށް، ތިން މަހާއި 25 ދުވަހުގެ ޖަލު ހުކުމެއް ދިނުމަށް ދައުލަތުން އެދުނެވެ. ކްރިމިނަލް ކޯޓުން ވަނީ ދައުލަތުގެ އެދުމާ އެއްގޮތަށް، މުހައްމަދު ފާރިހުގެ މައްޗަށް ތިން މަހާއި 25 ދުވަހުގެ ޖަލު ހުކުމް އިއްވާފަ އެވެ.





