ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން (އައިއޭ) އިން، ހުޅުމާލޭ ސެންޓްރަލް ޕާކު ކައިރިން ބޮޑު ބިމެއް 49 މިލިއަން ރުފިޔާއަށް ގަނެ، އެ މުއާމަލާތް ސިވިލް ކޯޓުން އިއްޔެ ނިންމައިފިއެވެ. މި ބިމަކީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަތުން ގަނެފައިވާ 12481 އަކަފޫޓުގެ ބިމެކެވެ. މިއީ އެ ކުންފުނީގެ އާ އޮފީސް އިމާރާތް އެޅުމަށް ގަތް ބިމެކެވެ.
ސިވިލް ކޯޓުގެ ގާޒީ މުހައްމަދު އީސާފުޅު ބުދަ ދުވަހު ނިންމެވި މައްސަލައިގައި ބަޔާންކޮށްފައިވާ ގޮތުން، މޯލްޑިވިއަނުންވަނީ ހުޅުމާލޭ ފޭސް އެކެއްގެ، 11725 ނަންބަރު ލޮޓް، 48،428،482.40 ރުފިޔާއަށް ގަނެ، ވިޔަފާރި އަގުދުކޮށްފައެވެ. ކޯޓުން ވަނީ މި ވިޔަފާރިއަކީ ސައްހަ ވިޔަފާރިއެއް ކަމަށް ކަނޑައަޅައި، ބިމުގެ ވެރިފަރާތަކީ އައިލެންޑް އޭވިއޭޝަން ކަމަށް ނިންމާފައެވެ.
އައިލެންޑް އޭވިއޭޝަނުން މި ބިން ގަނެފައިވާއިރު، އެ ކުންފުނީގެ އާ އޮފީސް އިމާރާތުގެ ބިންގާ މިހާރުވަނީ އަޅައިފައެވެ. މިދިޔަ މަހު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެ އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނާއި، ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބާއި، އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލްމަތީން މުހައްމަދުގެ އިތުރުން، އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް އިލްޔާސާއި އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަލީ ސަލީމެވެ.
އައިލެންޑް އޭވިއޭޝަނާ ހަވާލާދީ ދައުލަތުގެ މީޑިއާ ޕީއެމްއެމްއިން ރިޕޯޓުކުރި ގޮތުގައި، މިވަގުތު އެ ކުންފުނީގެ އެކި ޑިޕާޓްމަންޓްތަކުގެ މުވައްޒަފުން މާލޭގެ ފަސް އިމާރާތެއްގައި މަސައްކަތްކުރާތީ، ކުންފުނިން ކުއްޔަށް ބޮޑު ޚަރަދެއް ކުރަންޖެހެއެވެ. އެހެންކަމުން، އެއްތަނަކަށް އޮފީސްތައް ޖަމާކުރުމަކީ ކުންފުންޏަށް ޚަރަދު ކުޑަކުރެވޭނެ ގޮތެއް ކަމަށް ބެލެވެއެވެ.






