ސްމޯލް އެންޑް މީޑިއަމް އެންޓަރޕްރައިޒް ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ރީބްރޭންޑްކޮށް، މިއަދުން ފެށިގެން އެ ކުންފުނީގެ ނަން 'އެސްއެމްއީ ޑިޖިޓަލް' އަށް ބަދަލުކޮށްފި އެވެ. މި ބަދަލު ގެނެސްފައިވަނީ ކުރިއަރަމުން އަންނަ ޓެކްނޮލޮޖީއާ އެއްގޮތަށް ކުންފުނި ބައްޓަންކޮށް، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް (އެސްއެމްއީ) ޚިދުމަތްދޭން ފުޅާކުރުމުގެ މަގްސަދުގަ އެވެ.
އެސްޑީއެފްސީގެ އާ ލޯގޯ އާއި ބްރޭންޑިން އިފްތިތާހުކޮށްދެއްވީ ބީއެމްއެލްގެ ބައެއް ޚިދުމަތްތައް ތައާރަފުކުރުމަށް މިއަދު ހެނދުނު ބާސެލޯ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މި ރަސްމިއްޔާތުގައި ބީއެމްއެލްގެ ޗެއާޕާސަން އަހްމަދު އަލީ ހަބީބާއި ސީއީއޯ މުހައްމަދު ޝަރީފް ބައިވެރިވެވަޑައިގެންނެވި އެވެ. އެސްޑީއެފްސީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ބަދުރުއްދީން ހަސަން ވިދާޅުވީ މިއަދަކީ އެ ކުންފުނީގެ ކުރިމަގަށް ވަރަށް ހާއްސަ ދުވަހެއް ކަމަށާއި، "އެސްއެމްއީ ޑިޖިޓަލްއަށް ބަދަލުކުރުމާ އެކު މިއަދު މި ފެށިގެން ދަނީ ކުންފުނީގެ އާ ސަފުހާއެއް،" ކަމަށެވެ.
ބަދުރުއްދީން ވިދާޅުވި ގޮތުގައި، އެސްއެމްއީ ޑިޖިޓަލްއަކީ ހަމައެކަނި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފައިނޭންސް ފޯރުކޮށްދޭ ކުންފުންޏަކަށް ވުމުގެ ބަދަލުގައި، އެ ވިޔަފާރިތަކަށް ބޭނުންވާ ހުރިހާ ހައްލެއް ލިބޭ ޑިޖިޓަލް ޕްލެޓްފޯމަކަށް ވެގެންދާނެ އެވެ. އެގޮތުން، ޝަރީއާ އުސޫލުތަކާ އެއްގޮތަށް ކުރެވޭ ފައިނޭންސިންގެ އިތުރުން، ރާއްޖޭގެ އެކި ހިސާބުތަކުގައި ހިންގާ ވިޔަފާރިތައް އެއްތަނަކަށް ގެނެސްދޭ ޑިޖިޓަލް މާކެޓް ޕްލޭސްއެއްގެ ގޮތުގައި ވެސް އެސްއެމްއީ ޑިޖިޓަލް ހިންގާނެ އެވެ. އޭނާ އިތުރަށް ވިދާޅުވީ، ކުދި ވިޔަފާރިތަކަށް ފައިސާ މެނޭޖުކުރަން ބޭނުންކުރާ ޑިޖިޓަލް ޓޫލްސްތަކާއި ޑިޖިޓަލް ޕޭމަންޓް ސޮލިއުޝަންސްތައް ވެސް އެސްއެމްއީ ޑިޖިޓަލްގެ މޯބައިލް އެޕް މެދުވެރިކޮށް ތައާރަފުކުރުމަށް ނިންމާފައިވާ ކަމަށެވެ.
ބީއެމްއެލްގެ ސަބްސިޑަރީއަކަށް އެސްޑީއެފްސީ ބަދަލުކުރުމަށް ފަހު، އެ ބޭންކާއެކު ކުރެވޭ އިންޓަގްރޭޝަން މަސައްކަތްތަކުގެ ތެރެއިން މުހިންމު ފިޔަވަޅެއް ވަނީ އަޅާފަ އެވެ. ބަދުރުއްދީން ވިދާޅުވި ގޮތުގައި، ބީއެމްއެލްގެ މޯބައިލް އެޕާއި އޭޕީއައި އިން ގުޅުވާލައި، މާދަމާއިން ފެށިގެން އެ އެޕްގެ ތެރެއިން އެސްއެމްއީ ޑިޖިޓަލްގެ ފެސިލިޓީތައް ފެންނަން ފަށާނެ އެވެ. އަދި މި ފެސިލިޓީތަކަށް ބީއެމްއެލްގެ އެޕް މެދުވެރިކޮށް ފައިސާ ދެއްކޭނެ ގޮތް ވެސް ހަމަޖައްސާނެ އެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، އެސްއެމްއީ ޑިޖިޓަލްއަކީ ރާއްޖޭގައި އެސްއެމްއީ ދާއިރާ ތަރައްގީކޮށް، އެންމެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން އިސްލާމީ ޝަރީއާއާ އެއްގޮތަށް ގާއިމް ކުރެވޭ ފުރަތަމަ މާލީ މުއައްސަސާ އެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރުމަށް އުފައްދާފައިވާ އެސްޑީއެފްސީގެ މާލީ ގާބިލްކަން އިތުރުކޮށް، ލޯނުތައް ހުއްޓުމެއް ނެތި ދެމެހެއްޓެނިވި ގޮތެއްގައި ދިނުމަށްޓަކައި، އެ ކޯޕަރޭޝަންގައި އޮންނަ ސަރުކާރުގެ ހިއްސާ ބީއެމްއެލް އަށް ވިއްކާލަން ކެބިނެޓުން ނިންމާފައިވަނީ މިދިޔަ ޖުލައި މަހުގަ އެވެ. މި ބަދަލާއެކު، އެސްއެމްއީ ޑިޖިޓަލްގެ ނަމުގައި މި ކުންފުނި ދެން ހިންގާނީ ބީއެމްއެލްގެ ދަށުންނެވެ.






