ވެރިކަމަށް ދެ އަހަރު ނުވަނީސް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކުރައްވައިފިއެވެ. ރައީސް އޮފީހުން މިއަދު ހާމަކުރެއްވި ގޮތުގައި، ރައީސް މުއިއްޒު މި ކާމިޔާބު ހާސިލުކުރައްވާފައިވަނީ، އެއް އަހަރާއި 11 މަސްދުވަހުގެ (23 މަސް) ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ދަތުރުފުޅުކުރައްވައިގެންނެވެ.
މި ކާމިޔާބު ހާސިލުވީ، ޅ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށްރަށާއި، މާލެ އަތޮޅުގެ ތިން ރަށަކަށް ކުރެއްވި ދެ ދުވަހުގެ ދަތުރުފުޅުގެ ފަހު މަންޒިލެއްގެ ގޮތުގައި ކ. ތުލުސްދުއަށް މިއަދު މެންދުރު ވަޑައިގަތުމާ އެކުގައެވެ. ތުލުސްދޫއަށް މިއަދު ކުރެއްވި ޒިޔާރަތާ އެކު ރާއްޖޭގެ މީހުން ދިރިއުޅޭ 187 ރަށްރަށާއި ސިޓީތަކަށް އެ މަނިކުފާނުގެ ވެރިކަމުގައި ވަޑައިގެންފައިވާ ކަމަށް ރައީސް އޮފީހުން ފާހަގަކުރިއެވެ. މީގެ އިތުރުން، މި މުއްދަތުގައި 63 ރަށަކަށް ދެވަނަ ފަހަރަށް ވެސް ޒިޔާރަތްކުރައްވާފައިވާކަން ރައީސް އޮފީހުން ހާމަކުރިއެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި، ދިވެހި ރިޔާސީ ތާރީހުގައި، ގައުމުގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން، ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އެންމެ ފަހުން ރައީސަކު ޒިޔާރަތްކުރެއްވީ މީގެ 42 އަހަރު ކުރިންނެވެ. އެއީ ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި، އެމަނިކުފާނު ފަސް އަހަރު ދުވަހުގެ ތެރޭގައި ހުރިހާ ރަށަކަށް ޒިޔާރަތްކުރެއްވި ދަތުރުފުޅުތަކެވެ. އެހެންކަމުން، ރައީސް މުއިއްޒު ވަނީ އެންމެ ކުރު މުއްދަތެއްގެ ތެރޭގައި މި ކާމިޔާބު ހާސިލުކުރައްވާފައެވެ.
ރައީސް މުއިއްޒުގެ މި ދަތުރުފުޅުތަކުގައި، ރަށްރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށްޓަކައި، ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވާފައިވެއެވެ. އަދި، ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރައްޔިތުންގެ ހާލު ބައްލަވާ، އެކި ކަންކަމުގައި ރައްޔިތުންގެ ފަރާތުން ހިއްސާކުރެއްވި ވާހަކަތައް އަޑުއެއްސެވިއެވެ. މި ދަތުރުފުޅުތަކުގެ ތެރެއިން ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާއި، ތަޢުލީމާއި، ޞިއްޙަތާއި، ހަށިހެޔޮކަމާއި ގުޅުން ހުރި ބައެއް މަސައްކަތްތަކާއި، މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތްތައް ވެސް ވަނީ ފައްޓަވާފައެވެ.
މީގެ އިތުރުން، ރައީސް މުއިއްޒު ވަނީ ދަތުރުފުޅުތަކުގެ ތެރެއިން ވަގުތު ލިބިވަޑައިގެންނެވި މިންވަރަކުން، ރަށު ކައުންސިލް އިމާރާތްތަކާއި، ސްކޫލު މަދަރުސާތަކާއި، މިސްކިތްތަކާއި، ޞިއްޙީ މަރުކަޒުތަކާއި، ހޮސްޕިޓަލްތަކާއި، އިސްލާމީ މަރުކަޒުތަކުގެ އިތުރުން ކުޅިވަރު ކުޅޭ ތަންތަނާއި، އިންޖީނުގެ ފަދަ، ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދެއްވާ ތަންތަން ހުރި ހާލަތު ބައްލަވައިލެއްވުމަށް އެތަންތަނަށް ޒިޔާރަތްކުރައްވާފައެވެ. ރައީސް އޮފީހުން ބުނި ގޮތުގައި، ރަށްރަށަށް ވަޑައިގެން ރައްޔިތުން ބޭނުންވާ އަމާޒަށް ކަންކަން ފަހިކޮށްދެއްވުމަކީ އެ މަނިކުފާނަށް ބޮޑު ހިތްހަމަޖެހުމެއް ލިބިވަޑައިގަންނަވާ ކަމެކެވެ.





