ހިތާދޫ ދާއިރާގެ ޕީއެންސީ މެންބަރު މުޙައްމަދު ސިރުހާން، އޭނާ ހިއްސާދާރަކަށް ހުރި ދުވަސްވަރު "އެގްޒޮޓިކް އެންޓަޕްރައިސަސް" ކުންފުނިން ގާނޫނާ ޚިލާފު އެއްވެސް މުއާމަލާތެއް ހިންގާފައި ނުވާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވައިފިއެވެ. މިކަން ހާމަކުރައްވާފައިވަނީ، ސިނގިރޭޓު ކޭސްތަކެއް ވަގަށް އެތެރެކުރުމުގެ މައްސަލައެއްގައި އެ ކުންފުންޏާ އޭނާ ގުޅުވައި ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން ނެރުނު ރިޕޯޓަކާ ގުޅިގެންނެވެ.
ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން ހާމަކުރި ރިޕޯޓުގައިވާ ގޮތުން، ސިނގިރޭޓު ކޭސްތަކެއް ވަގަށް އެތެރެކުރިއިރު، "އެގްޒޮޓިކް އެންޓަޕްރައިސަސް" ކިޔާ ކުންފުނީގެ ހިއްސާ މެންބަރު ސިރުހާންއަށް ދީފައިވާކަން ވަނީ ހާމަވެފައެވެ. އެކަމާ ގުޅިގެން ސިރުހާން ނެރުއްވި ބަޔާނުގައި ވިދާޅުވީ، އެ ކުންފުންޏާ އޭނާ ގުޅުނުއިރު ވެސް އެ ކުންފުންޏަކީ ކަސްޓަމްސްގެ ބޮންޑެޑް ވެއާހައުސްގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެއް ކަމަށެވެ.
ސިރުހާން ވިދާޅުވި ގޮތުގައި، އެ ކުންފުންޏާ ގުޅުނުތާ މާ ގިނަ ދުވަހެއް ނުވެ، ސިޔާސީ މަސައްކަތަށް ވަގުތު ހުސްކުރުމަށްޓަކައި، އެގްޒޮޓިކް އެންޓަޕްރައިސަސް ހިމެނޭހެން އޭނާ ހިއްސާވާ ކުންފުނިތަކުގެ ރަޖިސްޓްރީ ދޫކޮށްލެއްވިއެވެ. އޭނާ ވަނީ އެ ކުންފުނީގެ ހިއްސާދާރަކަށް ހުރި މުއްދަތުގައި ގާނޫނާ ޚިލާފަށް އެއްވެސް މުއާމަލާތެއް ކޮށްފައި ނޯންނާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާފައެވެ.
އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ކުންފުނީގައި އޮތް ހިއްސާ ބަދަލުކުރެވުނީ އެ ކުންފުނީގެ އޮޑިޓެއް ހެދުމަށް ފަހުގައެވެ. އަދި ކަސްޓަމްސް ބޮންޑެޑް ވެއާހައުސް ހިމެނޭހެން ކުންފުނީގެ ގުދަންތަކުގައި ހުރި މުދަލުގެ ތަފުސީލު ސާފުކޮށް އެނގޭނެކަމަށް ވެސް ވިދާޅުވިއެވެ. ސިރުހާން ވިދާޅުވީ، ކުންފުނީގެ ހިއްސާ ދޫކޮށްލި ފަހުން އެ ކުންފުނިން ގޯސް ކަމެއް ކޮށްފައިވާނަމަ، އެއީ އޭނާއާ އެއްވެސް ގުޅުމެއް އޮތް ކަމެއް ނޫން ކަމަށެވެ. އަދި އެފަދަ ކަމަކާ ގުޅުވަން ބަޔަކު މަސައްކަތް ކުރާނަމަ، އެއީ ސިޔާސީ ގޮތުން އޭނާ ބަލިކަށި ކުރުމަށް ކުރާ މަސައްކަތެއް ކަމަށް ވެސް ސިފަކުރެއްވިއެވެ.
މެންބަރު ސިރުހާން ވަނީ ކޮމިޓީން ކުރި ތަހުގީގުން އެކަމަކީ އޭނާއާ އެއްވެސް ގުޅުމެއް ނެތް ކަމެއްކަން ހާމަވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެއްވެސް އަސާސެއް ނެތި، ރައްޔިތުން އިންތިޚާބުކޮށްފައިވާ މެންބަރަކަށް ތުހުމަތު ކުރެވިދާނެ ފަދަ ގޮތަކަށް ރިޕޯޓުގައި އޮތް ނަމަ، އެކަން އިސްލާހު ކުރުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.
ކޮމިޓީ ރިޕޯޓުގައިވާ ގޮތުން، ޑިސެންބަރު 3، 2023 ގައި އެގްޒޮޓިކް އެންޓަޕްރައިސަސްގެ ބޮންޑެޑް ވެއާހައުސް ކަސްޓަމްސްގައި ރަޖިސްޓްރީކުރިއިރު، އެ ކުންފުނީގެ ބޯޑް އޮފް ޑިރެކްޓަރުންގެ ގޮތުގައި ތިބީ ލުބްނާ ހުސައިން މަނިކާއި އަބްދުﷲ ހަސަންއެވެ. ނަމަވެސް، ޑިސެމްބަރު 9، 2023 ގައި ސިނގިރޭޓު ޝިޕްމަންޓު އެތެރެކުރިއިރު، އެ ކުންފުނީގެ ބޯޑް އޮފް ޑައިރެކްޓަރުންގެ ގޮތުގައި ތިބީ ލުބްނާ ހުސައިން މަނިކާއި ސިރުހާނެވެ. ސިރުހާން ވަނީ އެ މުއްދަތުގައި އޭނާއަކީ މަޖިލީހުގެ މެންބަރެއް ނޫންކަން ފާހަގަކުރައްވާފައެވެ.






