ބީއެމްއެލްގެ ދެ މުވައްޒަފަކަށް ވަޅިން ބިރު ދައްކައި އިއްޔެ ރޭ ފަތިހު 130،000 ޑޮލަރު ފޭރުނު މައްސަލައާ ގުޅިގެން ހައްޔަރުކުރި ހަތަރު މީހުންގެ ވަނަވަރު ފުލުހުން މިއަދު ހާމަކޮށްފިއެވެ. ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، އިއްޔެ މެންދުރު ހައްޔަރުކުރި މި ހަތަރު މީހުންގެ ބަންދަށް ކޯޓުން ފަސް ދުވަސް އިތުރުކޮށްފައިވާ ކަމަށާއި، މި މައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ކަމަށެވެ.
ހައްޔަރުކުރި މީހުންގެ ވަނަވަރު
ޑޮލަރު ފޭރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ހަތަރު މީހުންނަކީ:
- މާޒިން މޫސާ، 25، ރޭޝަމް، ލ. މާވަށް
- އަހްމަދު ރައިހާން ނައީމް، 20، މ. ކޯރަސް، މާލެ
- އިބްރާހީމް އަނޫފް، 24، އަޅިވިލާގެ، ކ. ގުރައިދޫ
- ހުސައިން ޝަހުދު، 30، އަޅިވިލާގެ، ކ. ގުރައިދޫ
މި ހާދިސާ ހިނގާފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ބާ ޓާމިނަލުން އާ ޓާމިނަލަށް ދާން ހަދާފައިވާ "ވޯކްވޭ" މަތިންނެވެ. މޫނު ނިވާކޮށްގެން ތިބި ދެ މީހަކު ވަނީ ޤައުމީ ބޭންކުގެ ދެ މުވައްޒަފުންގެ އަތުގައި ހުރި 130،000 ޑޮލަރު ހިމެނޭ ސޫޓްކޭސް ވަޅިން ބިރު ދައްކައި ފޭރިގަނެފަ އެވެ. މި ފައިސާއަކީ އިއްޔެ ހެނނު ރާއްޖެއިން ބޭރަށް ފުރި ބައެއް ދިވެހިންނަށް ދޫކުރުމަށްޓަކައި އާ ޓާމިނަލްގެ ޑޮލަރު ކައުންޓަރަށް ގެންދަން ހުރި ފައިސާއެވެ.
ޑޮލަރު ފޭރިގަތުމަށް ފަހު ވަގުން ވަނީ ކާރެއްގައި ޓާމިނަލަށް ފޭބުމަށް ފަހު، ހުޅުލޭ ޖެޓީގައި ތައްޔާރުކޮށްފައި އޮތް ޚާއްސަ ލޯންޗަކަށް އަރައިގެން ފިލާފަ އެވެ. ފައިސާ ފޭރިގަންނަ ވަގުތު އެއާޕޯޓުގެ ސެކިއުރިޓީ ބަލަހައްޓާ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ މީހުންނަށް ވެސް ވަޅިން ބިރު ދައްކައި، ލޮލަށް ސްޕްރޭކޮށްފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.
ތުހުމަތުކުރެވޭ ހަތަރު މީހުން ލޯންޗުގައި ހުރައަށް ގާތްކުރީ އިއްޔެ ހެނދުނު 8:45 ހާއިރު ކަމަށް އެ ރަށުން ވާހަކަ ދެއްކި ފަރާތަކުން ބުނެ އެވެ. ގުރައިދޫގެ ދެ މީހުންގެ ބޭބެއަކު ހުރާގައި ދިރިއުޅޭތީ އެ މީހުން ދޭތެރެދޭތެރެއިން ހުރައަށް ދާ ކަމަށް ވެ އެވެ. އެ މީހުން ތިބި ގެސްޓް ހައުސްގެ ސީސީޓީވީ ކެމެރާ އަށް، އެ މީހުން ޑޮލަރު ގެންގުޅޭ މަންޒަރު ފެނުނު ނަމަވެސް، އެއީ ފޭރުނު މިންވަރުގެ ގިނަ އަދަދެއް ނޫން ކަމަށް މައުލޫމާތު ލިބެ އެވެ. މީގެ އިތުރުން އެ މީހުންގެ އަތުން ބަނގުރާފުޅިތަކެއް ވެސް ފެނިފައިވެ އެވެ. ނަމަވެސް، ވަގަށް ނެގި ޑޮލަރު އަދި ފެނިފައިނުވާ ކަމަށް މައުލޫމާތު އެނގޭ ފަރާތުން ބުނެފައިވެ އެވެ.





