ކަސްޓަމްގެ ބެލުމުގެ ދަށުގައި ބަހައްޓާފައިވާ ސިގިރޭޓް ކޮންޓެއިނަރ ގެއްލުނު މައްސަލައިގައި އިތުރު ތިން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ ނޫރަލީގެ / ހދ.ވައިކަރަދޫ، އަޙްމަދު ޝަހީމް (42އ) އާއި ޗާނދަނީގެ / ސ.ހިތަދޫ، ޙުސައިން ސާމިޙު (35އ) އާއި ހ. ރުމޭނިޔާ / މާލެ، އަޙްމަދު ފިރުސާން (35އ) ކަމަށެވެ.
މިއަހަރުގެ އެޕްރީލް 26 ވަނަ ދުވަހު މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިފަހައްޓާފައި ހުރި 2 ކޮންޓެއިނަރު ސިނގިރޭޓް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، ހުޅުމާލެ އިންޓަރނޭޝަނަލް ޓާރމިނަލްގައި ބަހައްޓާފައި ހުއްޓާ ވަގަށް ނަގާފައިވާ މައްސަލަ 2025 އޮކްޓޯބަރ 09 ވަނަ ދުވަހު ފުލުހުންނަށް ވަނީ ހުށަހަޅާފައެވެ. މި މައްސަލައާ ގުޅިގެން އިތުރު 3 މީހަކު ހައްޔަރު ކުރީ 2025 އޮކްޓޯބަރ 24 ވަނަ ދުވަހުގެ ވަގުތެއްގައެވެ.
ފުލުހުން ބުނީ އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އަޙްމަދު ޝަހީމާއި ޙުސައިން ސާމިޙު 7 ދުވަހަށް ބަންދު ކުރުމަށް އަދި އަޙްމަދު ފިރުސާން 5 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން، މި މައްސަލައިގައި ކުރިން ހައްޔަރުކުރި މުޙައްމަދު ވަޙީދުގެ ބަންދާމެދު ގޮތެއް ނިންމުމަށް 2 ވަނަ ފަހަރަށް ހާޒިރު ކުރުމުން ޝައީޢަތް ނިމެންދެން ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ.
ކަސްޓަމްސް އިން ހިފަހައްތާފައިހުރި13 މިލިއަން ސިގިރޭޓް ގެއްލުނު މައްސަލައިގައި ދިގަލިއާއި އާއްޓޭގެ އިތުރުން ދެން ހައްޔަރުކުރީ ކަސްޓަމްސްގައި ކުރިން މަސައްކަތްކުރި، މިހާރު މިފްކޯގެ މެނޭޖަރެއްގެ މަގާމުގައި ހުރި މުއާޒް އަލީގެ އިތުރުން ކަސްޓަމްސްގެ މުވައްޒަފެއް ކަމަށްވާ ޒިވާރު އިސްމާއީލެވެ.
އޭގެ ފަހުން މި ވައްކަން ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް އެހީވިކަމުގެ ތުހުމަތުގައި ލިންކް / ކ.ތުލުސްދޫ، ޙަސަން ޢަބްދުއްރަޙްމާން (52އ) ހައްޔަރުކޮށް ބަންދުކުރުމަށްފަހު، ކޮންޓެއިނަރުތައް ގެންދިޔަކަމުގެ ތުހުމަތުގައި ކޮންޓެއިނަރު ގެންދިޔަ ދޯނީގެ ކެޕްޓަން ނ. މިލަދޫ ކެނެރީގޭ، އާދަމް ވަހީދު ހައްޔަރުކޮށް ވަނީ ބަންދުކޮށްފައެވެ.






