ޖަނަވަރީ 2026 އިން ފަށައިގެން ރާއްޖޭގައި ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކާއި ހޮސްޕިޓަލުތަކުން ވަކި މުއައްސަސާތަކެއްގެ ގޮތުގައި، ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާއި ވުޒާރާތަކާ ސީދާ ގޮތުން މުއާމަލާތު ކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، އަރިއަތޮޅު ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު މާމިގިއްޔަށް ވަޑައިގެން، އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ.
މާމިގިލީ ބަނދަރު ސަރަޙައްދުގައި މިރޭ ކުރިއަށްދިޔަ ބައްދަލުކުރެއްވުމުގައި މިމޭރުމުން ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މިފަދަ ނިންމެވުމެއްގެ ސަބަބުން ލިބޭނެ ބައެއް ފައިދާތަކުގެ ވާހަކަ ހިއްސާކުރައްވާފައެވެ. ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކާއި ހޮސްޕިޓަލުތަކުން ވަކި މުއައްސަސާތަކެއްގެ ގޮތުގައި، ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާއި ވުޒާރާތަކާ ސީދާ ގޮތުން މުއާމަލާތު ކުރެވޭނެ އިންތިޒާމު ހަމަޖެހުމާއެކު، އެތައް ގޮތަކުން ކުރިއެރުން ލިބޭނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން މަސައްކަތުގެ މާޙައުލުގެ ފަށަލަތަކެއް އުނިވެ، މަސައްކަތުގެ ފުރިހަމަކަން ނުވަތަ އެފިޝަންސީ އިތުރުވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
މިމޭރުމުން ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އަތޮޅު ނުވަތަ ރީޖަނަލް ހޮސްޕިޓަލުތައް މެދުވެރިކޮށް ބޭސް ހޯދަންޖެހޭޖެހުން، ނިމުމަކަށް ގެނެވި، ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާއި ވުޒާރާތަކާ ސީދާ ގޮތުން މުއާމަލާތު ކުރެވޭނެ އިންތިޒާމު ހަމަޖެހުމާއެކު، ބޭސް ހޯދުމަށާއި، ވަޒީފާތައް އެޕްރޫވް ކުރުމަށާއި، އިތުރު ޚިދުމަތްތައް ފޯރުކޮށްދިނުމަށް ހޯދަންޖެހޭ ހުއްދަތައް ހޯދުމުގައިވެސް ފަސޭހަކަން ލިބޭނެކަމުގައެވެ.
ސީދާ ގޮތުން މުއާމަލާތު ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށްޓަކައި ވާންޖެހޭ ގިނަ ތައްޔާރީތަކެއް ހުރިކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ފަންނީ ވަސީލަތްތައް ހޯދުމާއި، އިންސާނީ ވަސީލަތް ތަމްރީނުކުރުން ފަދަ މަސައްކަތްތައް ކުރަން އެބަހުރިކަމަށެވެ. އަދި މިކަންކަން ކުރިއަށްދާކަމަށާ، މިއަހަރުގެ ނިޔަލަށް މިކަންކަން ހަމަޖެހިގެންދާނެކަމުގައިވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
ރައްޔިތުންގެ އަސާސީ ބޭނުންތަކާ ގުޅިފައިވާ ޞިއްޙީ ދާއިރާގައި ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވުމަށް އަދުގެ ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން، ޑޮކްޓަރީ ބޭހާއި، މެޑިކަލް ކޮންޒިއުމަބަލްސްއާއި، މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގަނެ ދިވެހިރާއްޖެއަށް އެތެރެކުރުމުގެ މަސައްކަތް ފުޅާކޮށް، އެތަކެތި ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދިނުމުގެ އެންމެހައި މަސައްކަތް ކުރުމުގެ މަގުސަދުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ، "ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް" ގެ ނަމުގައި ކުންފުންޏެއްވެސް އުފައްދަވާފައެވެ.






