އައްޑޫ ސިޓީ ހުޅުމީދޫ އިކޯ ގާޑަން ސަރަހައްދުގެ ވަލުތެރޭގައި ރޯވި އަލިފާން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ހުޅުމީދޫ ފަޔަރ ސްޓޭޝަނުން ނިއްވައިލައިފިއެވެ.
އެމްއެންޑީއެފުން ބުނީ މި ހާދިސާގެ މަޢުލޫމާތު މިއަދު 14:10 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑަށް ލިބުމާ އެކު، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހުޅުމީދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތްކޮށްފައިވާ ކަމަށެވެ.
އަދި ފަޔަރފައިޓަރުން ކުރި މަސައްކަތުން އަލިފާންގަނޑު ނިއްވާލެވުނީ މިއަދު 17:30 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން ބުނީ މި ހާދިސާގައި އަލިފާން ނިއްވުމުގެ މަސައްކަތުގައި އުޅުނު އާންމުންގެ މީހަކު ހާލު ދެރަވެގެން، އިތުރު ފަރުވާއަށް އައްޑޫ ސިޓީ ހިތަދޫއަށް ގެންދެވިފައިވާ ކަމަށެވެ.






