މަޝްހޫރު އިނގިރޭސި ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓްގެ އެންމެ ފަހުގެ އަލްބަމް ކަމަށްވާ 'ދަ ލައިފް އޮފް އަ ޝޯގާލް' ނެރެފިއެވެ.
ޓޭލާ ސްވިފްޓް އޭނާގެ 12 ވަނަ ސްޓޫޑިއޯ އަލްބަމް، 'ދަ ލައިފް އޮފް އަ ޝޯގާލް' މިއަދު ނެރުނުތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި، ގިނަ ބަޔަކު އިންތިޒާރުކުރި މި އަލްބަމް ވަނީ ރެކޯޑެއް މުގުރާލައިފައެވެ.
މިގޮތުން އަލްބަމް ނެރުނުތާ ގާތްގަނޑަކަށް 11 ގަޑިއިރު ފަހުން ސްޕޮޓިފައިއިން އިޢުލާނުކުރި ގޮތުގައި މިހާތަނަށް 2025 ވަނަ އަހަރު އެންމެ ގިނައިން އެއް ދުވަހެއްގެ ތެރޭގައި ސްޓްރީމްކުރެވުނު އަލްބަމްގެ ރެކޯޑު މި އަލްބަމް ވަނީ ރޫޅާލާފައެވެ. މި ރެކޯޑު އެންމެ ފަހުން ހިފަހައްޓާފައި އޮތީ ޕްލޭބޯއި ކާޓީގެ 'މިއުޒިކް' އަލްބަމުން ކަމަށްވާއިރު، އެ އަލްބަމަށް މި މަޤާމު ލިބިފައިވަނީ މާރިޗް 14 ގައި އެ އަލްބަމް ނެރުމާ ގުޅިގެންނެވެ.
ހުކުރު ދުވަހުގެ ހެނދުނު ނިއު ޔޯކް ސިޓީގައި ސްޕޮޓިފައިއިން ބޭއްވި 'ލައިފް އޮފް އަ ޝޯގާލް' ޕޮޕް-އަޕް ތަޖުރިބާއިން ގުޑް މޯނިންގ އެމެރިކާއިން ރިޕޯޓުކުރި ގޮތުގައި، އެ ވަގުތު ސްޕޮޓިފައިގައި 1.2 މިލިއަން ޔޫޒާސް މި އާ އަލްބަމް ސްޓްރީމްކުރަމުން ގެންދިޔައެވެ.
ޓޭލާ އެންމެ ފުރަތަމަ މި 12 ޓްރެކުގެ ޕްރޮޖެކްޓް އިޢުލާނުކުރީ އޯގަސްޓް މަހު، މިހާރުގެ އޭނާގެ ފިޔަންސޭ ޓްރެވިސް ކެލްސީ އަދި އޭނާގެ ބޭބެ ޖޭސަން ކެލްސީގެ ޕޮޑްކާސްޓް 'ނިއު ހައިޓްސް' ގައެވެ.
ސްވިފްޓް ބުނެފައިވަނީ، އޭނާ ސިފަކުރި ގޮތުގައި "ބޭންގަރސް" އިން ފުރިގެންވާ މި އަލްބަމަކީ، އޭނާގެ މުޅި ކެރިއަރ ހިމެނޭ، ރެކޯޑު ރޫޅާލި އީރާސް ޓުއަރގެ ތެރޭގައި ސުވީޑަންގައި ޕްރޮޑިއުސަރުން މެކްސް މާޓިން އަދި ޝެލްބެކްއާއެކު މަސައްކަތްކޮށްގެން އުފެއްދި އެއްޗެއް ކަމަށެވެ. މި ޓުއަރ ނިމުނީ ޑިސެންބަރު މަހު ކަމަށްވާއިރު، އެއީ މިހާތަނަށް އެންމެ ގިނަ އާމްދަނީ ލިބުނު ޓުއަރ ކަމުގައިވެސް ވެފައިވެއެވެ.






