އުސްފަސްގަނޑު ސަރަހައްދުގައި ޤާއިމްކުރެވޭ ދާއިމީ ސްކޭޓިން އެރީނާއަކީ ކުޅިވަރާއި އިޖުތިމާޢީ ގޮތުން ގިނަ މަންފާތަކެއް ލިބޭނެ މުހިންމު މަޝްރޫޢުއެއް ކަމަށް ރައީސުލްޖުމުހޫރިއްޔާ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިއަދު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި އެރީނާއަކީ ޒުވާނުންގެ ކުރިއެރުމާއި މުޖުތަމަޢުގެ ދުޅަހެޔޮކަމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށާއި މި އެރީނާގެ ސަބަބުން ދުނިޔޭގެ ފެންވަރުގައި ކުރިއަރަމުން އަންނަ ސްކޭޓްގެ ކުޅިވަރުން ކުރިއަށްދިޔުމަށް ދިވެހި ޒުވާނުންނަށް ގިނަ ފުރުސަތުތައް ފަހިވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި މަސައްކަތް ފެށިގެންދާ މުނާސަބަތުގައި ރޯލަރސްކޭޓާއި ސްކޭޓްބޯޑު ކޮމިޔުނިޓީއަށް ރައީސް ވަނީ މަރުޙަބާ ދަންނަވާފައެވެ.
މާލޭ އުސްފަސްގަނޑުގައި ރޯލަރ ސްކޭޓިންގ ޓްރެކް އަދި ސްކޭޓް ބޯރޑް ޕާކެއް ތަރައްޤީކުރުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންނެވިއެވެ.
އުސްފަސްގަނޑުގައި އިއްޔެ ހަވީރު ބޭއްވި މި ރަސްމިއްޔާތުގައި، ރޯލަރ ސްކޭޓިންގ ޓްރެކް އަދި ސްކޭޓް ބޯރޑް ޕާކުގެ ބިންގާ އަޅުއްވައިދެއްވީ މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން އަބުދުﷲ ރާފިޢުއެވެ.
ރާއްޖޭގައި ސްކޭޓްހަރަކާތްތައް ހިންގަމުންދާ ފަރާތްތަކާއި، ސްކޭޓްކުރާ ގިނައަދަދެއްގެ ކުޑަކުދިން ބައިވެރިވި މި ރަސްމިއްޔާތުގައި، އެކުދިންގެ ސްކޭޓް ކުރުމުގެ ހުނަރު ވަނީ ދައްކާލާފައެވެ.
މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް އަދި މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން ގެ އިސްވެރިން ބައިވެރިވަޑައިގެންނެވިއެވެ.