ދިވެހި ވަޠަނީ ޚިދުމަތް ރަސްމީކޮށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު އިފްތިތާޙްކޮށްދެއްވައިފިއެވެ. މިޚިދުމަތް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވީ، މިކަމަށްޓަކައި މިއަދު ޅ. މާފިލާފުށީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
ދިވެހި ވަޠަނީ ޚިދުމަތް ރަސްމީކޮށް ފެށުމަށް ބޭއްވި މި ރަސްމިއްޔާތަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދު ވަޑައިގަތުމުން މަރުޙަބާ ދެންނެވީ ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫންއެވެ.

މި ރަސްމިއްޔާތުގައި ދިވެހި ވަޠަނީ ޚިދުމަތުގެ ފުރަތަމަ ބުރުގައި ބައިވެރިވާ ފުރަތަމަ ބެޗްގެ، މުދައްބިރުންގެ ވަޢުދާއި ދަރުވަރުންވަނީ އިޤްރާރުވެފައެވެ. އަދި ދިވެހި ވަޠަނީ ޚިދުމަތް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވުމުގެ ގޮތުން ވަނީ ދިދަވެސް ނަންގަވާފައެވެ. ދިދަ ނެގުމަށް، ދިދަ ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ.
ދިވެހި ވަޠަނީ ޚިދުމަތް ނުވަތަ މޯލްޑިވްސް ނެޝަނަލް ސަރވިސްއަކީ، ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ، އިސްލާމް ދީނަށް ފަރުވާތެރި، ޒިންމާދާރު، ޖިސްމާނީ، ރޫހާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ، ދިވެހި ރައްޔިތެއް ބިނާކޮށް، މަސައްކަތަށް އަހުލުވެރި، އަޚްލާޤު ރަނގަޅު، ހަރުދަނާ ޒުވާން ޖީލެއް ބިނާކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ، އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިސްނަންގަވައިގެން ދިވެހިރާއްޖޭގައި މުޅިން އަލަށް ފައްޓަވާ ވަރަށް ޚާއްޞަ ވަޠަނީ މަޝްރޫޢެކެވެ.
ދިވެހި ވަޠަނީ ޚިދުމަތުގެ މަޤްޞަދުތަކުގެ ތެރޭގައި، ދިވެހި ޒުވާނުންގެ މެދުގައި ޤައުމިއްޔަތުގެ ރޫޙާއި ފަޚުރު ދިރުވައި އާލާކޮށް، އިސްލާމްދީނަށް ލޯބިކުރާ ރައްޔިތެއް ޤައުމުގައި ބިނާކުރުމާއި، ދިވެހިރާއްޖެއަށް ކުރިމަތިވާ ބޮޑެތި ނުރައްކާތަކާއި ކާރިސާތަކުގައި ޤައުމީ ޚިދުމަތަށް ސާބިތުކަމާއެކު ކުރިމަތިލާނެ ރައްޔިތެއް ބިނާކޮށް ތަރައްޤީކުރުމާއި، ދިވެހި ޒުވާނުންނަކީ އެއްބައެއްވަންތަކަމާއެކު ގުޅިގެން މަސައްކަތް ކުރުމުގެ ސިފަ އަށަގަނެފައިވާ، އަޚުލާޤާއި ސުލޫކު ރަނގަޅު، އިޙުތިރާމު ކުރާ، ޢަމަލާއި ބަހުގައި ކެތްތެރި ބައެއްގެ ގޮތުގައި ބިނާކުރުމާއި، ދިވެހި ޒުވާނުންނަކީ ދިރިއުޅުމުގެ މައިދާނުގައި ބޭނުންވާ ހުނަރުތައް ދަސްވެފައިވާ އުފެއްދުންތެރި އަދި ޒިންމާދާރު ރައްޔިތެއްގެ ގޮތުގައި ބައްޓަންކުރުން ހިމެނެއެވެ.





