ނޮޅިވަރަންފަރުގައި ގެވަޅު އޮވެ ގެ ނޭޅޭ ގޯތިތަކުގައި ގެ އަޅައިދިނުމުގެ މަސައްކަތް އަންނަ މަހު ފަށްޓަވާނެކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އެރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ނޮޅިވަރަންފަރުގައި 250 ހައުސިން ޔުނިޓް އެޅުމަށް ސަރުކާރުން ނިންމަވާފައިވާއިރު، އޭގެތެރެއިން 100 ޔުނިޓް އާންމު ރައްޔިތުންގެ ގޯތީގައި އެޅުމަށް ނިންމާ އަންނަ މަހު އެމަސައްކަތް އެޗްޑީސީއާ ހަވާލުކުރައްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ނޮޅިވަރަންފަރަށް ކުރެއްވި ދަތުރުފުޅުގައި ވަނީ އެރަށު ސްކޫލަށް ޖާގަ އިތުރުކޮށް މަލްޓިޕާޕަސް ހޯލާއި ވަސީލަތް ތަރައްްޤީކުރުމާއި، ސިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތާއި، ސްޕޯޓްސް ކޮމްޕްލެކްސް ތަރައްޤީކުރުމާއި، ފުޓުބޯޅަ ދަނޑު ތަރައްްޤީކުރުމާއި، ބަނދަރު ބޮޑުކުރުމާއި ޓޫރިޒަމް ތަރައްޤީކުރުމަށް ކަނޑައަޅާފައިވާ ބިން ކައުންސިލާ ހަވާލުކުރުމާއި، 100 ހައުސިން ޔުނިޓް ކައުންސިލާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.
ހދ. ނޮޅިވަރަންފަރުގެ ތަރައްޤީއަށްޓަކައި މިއަދު މި ފައްޓަވަނީ ވަރަށް މުހިންމު ޞަފުޙާއެއް ކަމަށާއި، ހަމަ މިއާއެކު ރަށުގެ ތަރައްޤީ އެތައް ގުނައަކަށް ކުރިއަށްދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ހދ. ނޮޅިވަރަންފަރުގެ ތަރައްޤީއާ ސީދާ ގޮތުން ގުޅިފައިވާ ގިނަ މަޝްރޫޢުތަކެއްގައި މިރޭގެ ޖަލްސާގައި ވަނީ ސޮއިކުރައްވާފައެވެ. އޭގެ ތެރޭގައި ހެލްތު ސެންޓަރ އެކްސްޓެންޝަން މަޝްރޫޢުގެ އެއްބަސްވުން، ނޮޅިވަރަންފަރު ސްކޫލުގެ މަލްޓިޕަރޕަސް ހޯލާއި އުމްރާނީ ވަސީލަތްތައް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުން، ނޮޅިވަރަންފަރު ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢުގެ އެއްބަސްވުން އަދި ފުޓުބޯޅަ ދަނޑު ތަރައްޤީކުރުމާއި ސްޕޯޓްސް ކޮމްޕްލެކްސް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އެއްބަސްވުން ހިމެނެއެވެ. މީގެ އިތުރުން، ހދ. ނޮޅިވަރަންފަރުގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ކަނޑައަޅުއްވާފައިވާ ބިން، މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓްގެ ދަފުތަރުން އުނިކުރައްވައި، ރަށު ކައުންސިލާ ޙަވާލުކުރެއްވީވެސް މިރޭގެ ޖަލްސާގައެވެ.
މީގެ އިތުރުން އެ ރަށުގައި އިމާރާތްކުރި 100 ހައުސިންގް ޔުނިޓް ރަށު ކައުންސިލާ ހަވާލުކުރެއްވުންވެސް މިރޭގެ ޖަލްސާގައި އޮތެވެ. ހައުސިންގް ޔުނިޓްތައް ކައުންސިލާ ހަވާލުކުރެއްވުމުގެ ގޮތުން އެކަމުގެ ހަނދާނީ ފިލާ ކައުންސިލާ ޙަވާލުކުރެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ. އެއަށްފަހު ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ޖުމުލަ ގޮތެއްގައި، މި ހުރިހާ ކަންކަމަކީވެސް ރަށުގެ ރައްޔިތުންގެ ތަރައްޤީގެ ފެންވަރު، އެތައްތަނަކުން މަތިވެގެންދާނެ ކަންތައްތަކެއްކަން ފާހަގަކުރައްވާފައެވެ. މިއިން ކޮންމެ މަޝްރޫޢަކީވެސް ވަރަށް ގާތުން ބައްލަވައި، ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ހަލުވި ދުވެލީގައި ކުރިއަށްގެންދަވާނެ މަޝްރޫޢެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިހާރުން މިހާރަށް ކޮށްދެއްވެން ހުރި ކަންކަން ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ވަނީ ހދ. ނޮޅިވަރަންފަރުގެ ރައްޔިތުންނަށް އަރުވާފައެވެ.
ސަރުކާރުން ތަރައްޤީގެ ކަންކަން ކުރިއަށް ގެންދަވާނީ ދެމެހެއްޓެނިވި ތަރައްޤީގެ ވިސްނުމުގައިކަމަށް ވިދާޅުވެ ވާހަކަފުޅުކުރިއަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އެންމެ ލަސްވެގެންވެސް ކުރިއަށް އޮތް 5 މަސްދުވަހުގެ ތެރޭގައި، ރަށުގެ ކުނި މެނޭޖުކުރުމުގެ މަސައްކަތްތައް ވެމްކޯއިން ފައްޓަވާނެ ކަމުގައި ވިދާޅުވެފައެވެ.
ދިވެހިރާއްޖޭގެ ތަރައްޤީއަށްޓަކައި ސަރުކާރުން ކުރައްވާ މަސައްކަތްތައް، ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށް، ބާރު ދުވެލީގައި ކުރިއަށްގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަކުރާރު ކުރައްވާފައެވެ.
މި ލިޔުން ކިޔާލުމުން