އެކުއަކަލްޗަރ ތަރައްޤީކޮށް، ހިންގައި އަދި ބެލެހެއްޓުމަށްޓަކައި ފަޅު ރަށްރަށާއި އެ ރަށްރަށުގެ ފަޅާއި ފަރުތައް ކުއްޔަށް ދިނުމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލައްތަކާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލައްތަކާ ބެހޭ ވުޒާރާއިން ވަނީ އެކުއަކަލްޗަރ ހަރަކާތްތައް ތަރައްޤީކޮށް، ހިންގައި އަދި ބެލެހެއްޓުމަށްޓަކައި ފަޅު ރަށްތަކާއި އެ ރަށްތަކުގެ ފަޅާއި ފަރުތައް ކުއްޔަށް ދިނުމަށް ބީލަމަށް ހުޅުވާލާފައެވެ.
މިގޮތަށް ދޫކުރާ ރަށްރަށް ފުރަތަމަ ކުއްޔަށް ދޫކުރެވޭނީ އެކާވީސް އަހަރުގެ މުއްދަތައްކަމަށް އެ ވުޒާރާއިން ވިދާޅުވެ.
އަދި ދިވެހިރާއްޖޭގެ ޤާނޫނުތަކުގައި ކަނޑައަޅާފައިވާ ޝަރުތުތަކާ އެއްގޮތަށް، މި މުއްދަތު އިތުރުކުރުމުގެ ފުރުޞަތު އޮތް ނަމަވެސް މުޅި ޖުމްލަ 50 އަހަރަށްވުރެ އެ މުއްދަތު އިތުރެއް ނުކުރެވޭނެކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
މަސްވެރިކަމާ ބެހޭ ވުޒާރާއިން ވަނީ ބީލަން ހުށަހެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން ނޮވެމްބަރު 6 ވަނަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ.
މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާއި ބެހޭ ވުޒާރާގެ ފަރާތުން ވަނީ 2020 ވަނަ އަހަރު އެކުލަވާލާފައިވާ އެކުއަކަލްޗަކުރުމުގެ ގަވާއިދަށް އިތުރު އިސްލާޙެއް، ގެންނަވާފައެވެ. މިގޮތުން މީގެ ކުރިން އެކުއަކަލްޗަރގެ މަސައްކަތްކުރުމަށް ފަޅު ރަށްތަށް ދޫކުރެވޭގޮތަށް އޮތް އުސޫލު ބަދަލުކުރައްވާ، މިމަސައްކަތް ކުރުމަށް ރަށްރަށުގެ ކައުންސިލްތަކުގެ އިޚްތިޞާސްގައި ނުހިމެނޭ ފަޅުތަކާއި، ކަނޑުގެ ސަރަޙައްދުވެސް ކުއްޔަށް ދޫކުރެވޭނެހެން ޤަވާއިދު ވަނީ އިސްލާޙުކުރައްވާފައެވެ.
އެކުއަކަލްޗަރގެ މަސައްކަތްކޮށް މަސްވެރިކަމުގެ ސިނާޢަތް އިތުރު ހަރުފަތަކަށް ގެންދިޔުމަށް ސަރުކާރުން އަންނަނީ އެކި މަޝްރޫޢުތައް ކުރިއަށްގެންދަވަމުންނެވެ. މިގޮތުން ގަވާއިދުތަކަށް އެކި އިސްލާޙުތައް ގެނެސް މިމަސައްކަތް ހަރުދަނާކުރުމުގެ މަސައްކަތް ދަނީ ކުރައްވަމުންނެވެ.
މި ލިޔުން ކިޔާލުމުން