ކަރަންޓު ކެނޑުމުގެ ސަބަބުން ދައުލަތުގެ މީޑިއާ، ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގެ ޓީވީ ޗެނަލްތަކުގެ ޓްރާންސްމިޝަން މެދުކެނޑިއްޖެއެވެ.
ޕީއެސްއެމް އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ޕީއެސްއެމް ހުންނަ ސަރަހައްދު ހިމެނޭހެން މާލޭގެ ބޮޑުބަޔަކަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވާތީ ޕީއެސްއެމްގެ ޓީވީ ޗެނަލްތަކުގެ ޓްރާންސްމިޝަން މެދުކެނޑިފައިވާ ކަމަށެވެ.
ޕީއެސްއެމް ހުންނަ ސަރަހައްދު ހިމެނޭހެން މާލޭގެ ބޮޑުބަޔަކަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވާތީ ޕީއެސްއެމްގެ ޓީވީ ޗެނަލްތަކުގެ ޓްރާންސްމިޝަން ވަނީ މެދުކެނޑިފައެވެ. މިހާލަތުގައި ދިމާވެދާނެ ދަތިތަކަށް ބެލުންތެރިންގެ އަރިހުން ނިހާޔަތަށް މަޢާފަށް އެދެމެވެ. އަދި ކަރަންޓުގެ ޚިދުމަތް…
— Public Service Media (@psm_mkt) July 22, 2025
އަދި ޕީއެސްއެމް އިން ވަނީ މިހާލަތުގައި ދިމާވެދާނެ ދަތިތަކަށް ބެލުންތެރިންގެ އަރިހުން މަޢާފަށް އެދިފައެވެ.
ޕީއެސްއެމް އިން ބުނީ ކަރަންޓުގެ ޚިދުމަތް ލިބުނުހައި އަވަހަކަށް، ޓްރާންސްމިޝަން އަލުން ފެށޭނެ ކަމަށެވެ.
މާލެއިން ކަރަންޓު ކެނޑުނު މައްސަލައިގެ އަދާހަމަ ބަޔާންކޮށް އެކްސްގައި ކުރި ޕޯސްޓެއްގައި ސްޓެލްކޯއިން ބުނީ މިވަގުތު ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވާ މާލެއާއި ހުޅުމާލޭގެ ސަރަހައްދުތަކަށް މިހާރު ދަނީ އަލުން ކަރަންޓު ދެމުން ކަމަށެވެ.
ސްޓެލްކޯއިން ބުނީ މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިފައިވަނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށާއި، މައްސަލަ ދެނަގަނެ، ހައްލު ކުރުމުގެ މަސައްކަތްތައް ކުރެވެމުންދާ ކަމަށެވެ.
އެ ކުންފުނިން ވަނީ ކަރަންޓު ކެނޑުމުގެ ސަބަބުން ދިމާވާނެ ދަތިތަކަށް މަޢާފަށް އެދިފައެވެ.
މިދިޔަ ޖޫން މަހުގެ 1 ވަނަ ދުވަހުވެސް މުޅި ގްރޭޓަރ މާލެ ސަރަހައްދުން ވަނީ ކަރަންޓު ކެނޑިފައެވެ.
މި ލިޔުން ކިޔާލުމުން