ސިންގަޕޫރުގެ ނޭޝަނަލް އޯކިޑް ގާޑަންގައި، އޯކިޑަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި އަނބިކަނބަލުން ސާޖިދާ މުޙައްމަދުގެ ނަންފުޅަށް ނަންދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ސިންގަޕޫރަށް މިހާރު ކުރައްވަމުން ގެންދަވާ މިދަތުރުފުޅުގެ ތެރެއިން ރައީސުލުޖުމްހޫރިއްޔާގެ ދެކަނބަލުން މިއަދު ހެނދުނު ވަނީ ސިންގަޕޫރުގެ ބޮޓޭނިކަލް ގާޑަންއަށް ޒިޔާރަތް ކުރައްވާފައެވެ.
މި ދަތުރުފުޅަކީ އެޤައުމުގެ ރައީސްގެ ދަޢުވަތަަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.

ނަންދިނުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރުގެ ބޮޓެނިކް ގާޑަންސްއަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ކުރެއްވި ޒިޔާރަތުގައެވެ. ސިންގަޕޫރު ބޮޓެނިކް ގާޑަންސްއަށް ކުރެއްވި މި ޒިޔާރަތުގައި، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ބޮޓެނިކް ގާޑަންސްއަށް ޒިޔާރަތްކުރައްވާ މެހެމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ. މި ޒިޔާރަތުގައި ގާޑަންގެ ތާރީޚީ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާ ހިއްސާކުރައްވައި ގާޑަންގެ އެކިތަންތަން ވަނީ ދައްކަވާލައްވާފައެވެ.
ނޭޝަނަލް އޯކިޑް ގާޑަންގައި ބޭރުގެ ޤައުމުތަކުގެ ޢިއްޒަތްތެރިންގެ ނަންފުޅަށް ނިސްބަތްކޮށް އޯކިޑް ހައިބްރިޑްތަކަށް ނަންދިނުމަކީ އެތަނުގެ ދިގު ތާރީޚުގައި ހިނގަމުން އަންނަ ޘަޤާފަތެކެވެ. ސިންގަޕޫރަށް ދަތުރުފުޅު ކުރައްވާ ޤައުމުތަކުގެ ވެރިންނަށް އިޙްތިރާމް އަދާކުރުމުގެ ގޮތުން އެބޭފުޅުންގެ ނަންފުޅަށް ނިސްބަތްކޮށް މިގޮތަށް ނަން ދިނުމަކީ ބައިނަލްއަޤްވާމީ ގުޅުން ބަދަހިކުރުމުގެ ރަމްޒެއްގެ ގޮތުގައި ކުރައްވާ ކަމެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރައްވާ ރަސްމީ ދަތުރުފުޅު ކުރިއަށްދާނީ ޖޫން މަހުގެ 29 އިން އަންނަ ޖުލައި މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށެވެ.
މި ލިޔުން ކިޔާލުމުން