މިދިޔަ އަހަރު ދައުލަތުން ރިޓަޔަރމަންޓް ޕެންޝަނަށް ކުރި ހޭދަ 11.6 އިންސައްތަ އިތުރުވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ދީފައިވާ މަޢުލޫމާތަށް ބިނާކޮށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ޝާއިޢުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން 2024 ވަނަ އަހަރު ރިޓަޔަރމަންޓް ޕެންޝަނަށް 165،544،921ރ. ހޭދަކޮށްފައިވެއެވެ. މިއީ 2023 ވަނަ އަހަރު ޚަރަދުކުރި 146،264،671ރ. އާ އަޅާބަލާއިރު 11.6 އިންސައްތަ އިތުރު އަދަދެކެވެ.
މިދިޔަ އަހަރު ރިޓަޔަރމަންޓް ޕެންޝަނަށް އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ޖުލައި މަހުގައެވެ. އެގޮތުން ޖުލައި މަހު ރިޓަޔަރމަންޓް ޕެންޝަންގެ ގޮތުގައި 17،217،469ރ. ހޭދަކޮށްފައިވެއެވެ.
މީގެ އިތުރުން މިދިޔަ އަހަރު އަސާސީ ޕެންޝަންގެ ގޮތުގައި 1،320،319،233ރ. ހޭދަކޮށްފައިވާއިރު، އެހެނިހެން ޕެންޝަނަށް 364،739،425ރ. އަދި އުމުރުން ދުވަސްވީ ފަރާތްތަކަށް ދޭ އެލަވަންސްގެ ގޮތުގައި 93،669،343ރ. ޚަރަދުކޮށްފައިވާ ކަމަށްވެސް ތަފާސްހިސާބުތަކުން ދައްކައެވެ.
މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމް (އެމް.އާރް.ޕީ.އެސް) އަކީ ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ގާނޫނުގެ ދަށުން ތައާރަފު ކުރެވިފައިވާ ޑިފައިންޑް ކޮންޓްރިބިއުޝަން (ޑީސީ) ޕެންޝަން ސްކީމެކެވެ. ޑިފައިންޑް ކޮންޓްރިބިއުޝަން ޕެންޝަން ނިޒާމަކީ، ވަޒީފާދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތުން ކަނޑައެޅިފައިވާ ވަކި އަދަދަކަށް ސްކީމަށް ފައިސާ ދައްކައި، އެ ފައިސާ އިންވެސްޓް ކޮށްގެން ރިޓަޔަރމަންޓަށް ފައިސާ ރައްކާކުރެވޭ ޕެންޝަން ނިޒާމެކެވެ.
އެމް.އާރް.ޕީ.އެސްގެ މައިގަނޑު އަމާޒަކީ މަސައްކަތްތެރިން ވަޒީފާއަދާކުރާ މުއްދަތުގައި ފަހަށް ފައިސާ ރައްކާކޮށް ރިޓަޔަރމަންޓަށްފަހު ކަނޑައެޅޭ އާމްދަނީއެއް ލިބޭނެ މަގުފަހިކުރުމެވެ. ވަޒީފާދޭ ފަރާތުންނާއި ވަޒީފާއަދާކުރާ ފަރާތުން ޕެންޝަން ކޮންޓްރިބިއުޝަންގެ ގޮތުގައި ކޮންމެ މަހަކު ސްކީމަށް ދައްކަނީ މުވައްޒަފުގެ އަސާސީ މުސާރައިގެ %7 (ދެ ފަރާތުން ޖުމްލަ %14) އެވެ. މިފަދަ އެހެން ޕެންޝަން ނިޒާމުތަކެކޭ އެއްފަދައިން އެމް.އާރް.ޕީ.އެސް އިން ޕެންޝަންގެ ގޮތުގައި ލިބޭނެ މިންވަރު ބިނާވާނީ، ޕެންޝަން ލިބޭ އުމުރު ހަމަވާއިރު އެމީހެއްގެ ރިޓަޔަރމަންޓް ސޭވިންގްސްގެ ގޮތުގައި ޖަމާވެފައި ހުރި އަދަދެއްގެ މައްޗަށެވެ.
މި ލިޔުން ކިޔާލުމުން