ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާހިމް، އދ. ގެ ކަނޑުތަކާބެހޭ މަހާސިންތާގައި ބައިވެރިވެވަޑައިގަތުމަށް މިއަދު ފްރާންސަށް ފުރާވަޑައިގެންފިއެވެ. މި މަހުގެ 9 ވަނަ ދުވަހުން 13 ވަނަ ދުވަހުގެ ނިޔަލަށް ފްރާންސްގެ ނީސް ސިޓީގައި ބޭއްވޭ މި މަހާސިންތާގައި ދުނިޔޭގެ އެކި ޤައުމުތަކުގެ ވެރިންނާއި، ސިޔާސަތު އެކުލަވާލާ ފަރާތްތަކާއި، ސައިންޓިސްޓުން އަދި ތިމާވެށި ރައްކާތެރިކުރުމަށް މަސައްކަތްކުރާ ފަރާތްތަކުން ބައިވެރިވެވަޑައިގަންނަވައެވެ.
މި މަހާސިންތާގެ މައިގަނޑު މަޤްޞަދަކީ ދުނިޔޭގެ ކަނޑުތައް ރައްކާތެރިކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމުގެ މުހިންމުކަން ފާހަގަކޮށް، އެކަމަށް އަވަސް ފިޔަވަޅުތަކެއް އެޅުމެވެ. ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅއިން ވިދާޅުވެފައިވާ ގޮތުގައި މި މަހާސިންތާގައި އެންމެ އިސްކަމެއް ދޭނީ އދ. ގެ ދެމެހެއްޓެނިވި ތަރައްޤީގެ 14 ވަނަ ލަނޑުދަނޑި (އެސްޑީޖީ 14) ހާސިލުކުރުމަށް ބޭނުންވާ ވަސީލަތްތައް ހޯދުމަށާއި، ދުނިޔޭގެ ފެންވަރުގައި އަޅަންޖެހޭ ފިޔަވަޅުތައް އަވަސްކުރުމަށެވެ.
މި މަހާސިންތާގައި ބައިވެރިވުމަށް މަސްވެރިކަމާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމްވެސް ވަނީ ފްރާންސްއަށް ވަޑައިގެންފައެވެ. ޔުނައިޓެޑް ނޭޝަންސް އޯޝަންސް ކޮންފަރެންސްގެ 3 ވަނަ ބައްދަލުވުމުގެ ހަވާސާގައި ދިވެހިރާއްޖެއިން އިސްނަގައިގެން ޚާއްޞަ ސެޝަނެއް ބޭއްވުމަށްވެސް ތާވަލުކޮށްފައިވެއެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި ސެޝަންގައި، ރާއްޖެ ފަދަ ޤައުމުތަކުގައި ކުރާ ކުދި ފަންތީގެ މަސްވެރިކަމަކީވެސް ރާވައި، ހިންގައި، ބެލެހެއްޓޭ ނިޒާމެއްގެ ތެރެއިން ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކުރެވޭ މަސްވެރިކަމެއްކަން ޔަޤީންކުރުމަށްޓަކައި ޤައުމީ ފެންވަރުގައާއި، ބައިނަލްއަޤްވާމީ ފެންވަރުގައި އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުން ދާއިރާގެ ފަންނީ ބޭފުޅުންގެ ހުށަހެޅުންތަކާއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް ޚިޔާލުބަދަލުކުރެވިގެން ދާނެއެވެ.
މި ލިޔުން ކިޔާލުމުން