ސަޢުދީ ވަލީ އަހުދު، ރައީސް މުޢިއްޒުއާ ބައްދަލުކުރައްވައިފި ސަޢުދީ އަރަބިއްޔާގެ ވަލީ އަހުދު އަމީރު މުޙައްމަދު ބިން ސަލްމާން، ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް ސަޢުދީ އަރަބިއްޔާގައި ހުންނެވި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާ މިއަދު ބައްދަލުކުރައްވައިފި އެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިކަން އިޢުލާނު ކުރެއްވިއިރު، ރައީސް މުޢިއްޒު ސަޢުދީ އަރަބިއްޔާއަށް ވަޑައިގެންފައިވަނީ އެޤައުމުގެ ރަސްގެފާނު އަދި މާތްވެގެންވާ ދެޙަރަމްފުޅުގެ ޚާދިމް ސަލްމާން ބިން ޢަބްދުލް ޢަޒީޒްގެ ޚާއްޞަ ދަޢުވަތަކަށް ކަމަށް ފާހަގަކުރެއްވި އެވެ. މި ބައްދަލުވުމުގައި ދެ ޤައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވި އެވެ. އަދި ދެ ޤައުމުގެ މެދުގައި މިހާރު އޮތް އެއްބަނޑު އެއްބަފާ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން ވެސް ވަނީ މަޝްވަރާކުރައްވާފައެވެ. ރާއްޖެއާއި ސަޢުދީ އަރަބިއްޔާއާ ދެމެދު އޮތް ގުޅުމަކީ ވަރަށް ދުވަސްވީ، ވަރުގަދަ ގުޅުމެކެވެ. ދެ ޤައުމުގެ މެދުގައި އެކި ދާއިރާތަކުން އެއްބާރުލުން ބަދަލުކުރަމުން އަންނަ އިރު، ޚާއްޞަކޮށް އިސްލާމީ ކަންކަމުގައި ސަޢުދީ އަރަބިއްޔާއިން ރާއްޖެއަށް ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުން އަންނަ ކަން ފާހަގަކުރެވެ އެވެ.
މި ލިޔުން ކިޔާލުމުން