އަރަފާތް ދުވަހު ފަލަސްތީނުގެ މުސްލިމުންނަށް ހެޔޮ ދުއާކޮށްދެއްވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އިލްތިމާސްކުރައްވައިފިއެވެ. ވަޒީރު މިފަދައިން އިލްތިމާސްކުރެއްވީ އަރަފާތު ބިމުގައި ހުންނަވާ ޕީއެސްއެމް ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައެވެ.
ވަޒީރު ޝަހީމް ވިދާޅުވީ، މިއަދު އަރަފާތު ދުވަހާ ބައްދަލުވެފައި ވަނީ މުސްލިމް އުއްމަތަށް އުފާވެރި ދުވަސްތަކެއްގައި ނޫންކަމަށާއި ފަލަސްތީނުގެ މުސްލިމް އަހުންނާއި އުހްތުންގެ މަތިން ހަނދުމަކޮށް ހެޔޮ ދުއާކޮށްދޭން ޖެހޭނެ ކަމަށެވެ.
"އެންމެން އެއް ހެދުމެއްގައި އެއް ފޭރާމެއްގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް މިތަނުން އައިސްސަ މިތިބީ. މި ހުރިހާ ކަންކަމަކުން ވެސް މި ދޭހަކޮށްދެނީ އިސްލާމްދީނުގެ މަތިވެރިކަމާއި އަޚުވަތްތެރިކަމާއި، އޯގާވަންތަވެރިކަމާއި، ރޫޙާނިއްޔަތުކަމާއި، ﷲއަށް ކިޔަމަންތެރިކަން އަދާކުރުމުގައި މުޅި އުންމަތް އެއްބަޔަކު އަނެއްނަޔަކާއި ގުޅިގެން، ގުޅުން ރަމްޒުކޮށްދޭ ވަރަށް މަތިވެރިކަމެއް އަރަފާތް ދުވަހުގެ އަޅުކަމަކީ." ވަޒީރު ޝަހީމް ވިދާޅުވިއެވެ.
މީގެއިތުރުން، މިއަހަރުގެ ހައްޖު މޫސުމަށް ސައުދީ ސަރުކާރުން ވަރަށް ފުރިހަމަ އިންތިޒާމްތަކެއް ހަމަޖައްސަވާފައިވާކަން ވެސް ވަޒީރު ޝަހީމް ފާހަގަކުރެއްވިއެވެ. ވަކިން ހާއްސަކޮށް ހައްޖުވެރިންގެ ރައްކާތެރިކަމާއި ސިއްހަތާއި ގުޅޭ ކަންކަން ފުރިހަމައަށް އިންތިޒާމްކުރައްވާތީ، ވަޒީރު ވަނީ ސައުދީ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.
އަރަފާތް ދުވަހަކީ މުސްލިމުންގެ މެދުގައި އެއްބައިވަންތަކަމާއި އެކުވެރިކަން އާލާކުރުމުގެ މުހިންމު ދުވަހެއްކަން ފާހަގަކުރެވެއެވެ. މި ދުވަހު ދުނިޔޭގެ އެކި ކަންކޮޅުތަކުން އައިސްފައިވާ މުސްލިމުން އެއްތަނަކަށް އެއްވެ، އެކުގައި އަޅުކަން ކުރުމަކީ އިސްލާމްދީނުގެ ވަހުދަތު ދައްކުވައިދޭ މުހިންމު ކަމެކެވެ.
މި ލިޔުން ކިޔާލުމުން