ދިވެހިންގެ އުފެއްދުންތެރިކަމާއި ހުނަރުވެރިކަން ދައްކުވައިދިން "ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025" ނިންމާލައިފިއެވެ. މި މައުރަޒަކީ މިހާތަނަށް ރާއްޖޭގައި ބޭއްވުނު މައުރަޒުތަކުގެ ތެރެއިން އެންމެ ގިނަ ބައިވެރިން ބައިވެރިވި އަދި އާންމުންގެ އެންމެ ބޮޑު ތަރުހީބު ލިބުނު މައުރަޒު ކަމަށް ވަނީ ފާހަގަކުރެވިފައެވެ.
މި މައުރަޒު ފެށުނީ މި މަހުގެ 24 ވަނަ ދުވަހު ކަމަށާއި، މިއަދާ ހަމައަށް ކޮންމެ ދުވަހެއްގެ ހަވީރާއި ރޭގަނޑު މައުރަޒު ހުޅުވިފައި ހުރިކަމަށް މައުރަޒު އިންތިޒާމުކުރި ފަރާތުން މައުލޫމާތު ދީފައިވެއެވެ. މައުރަޒު ރަސްމީކޮށް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުންނެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އަމިއްލަފުޅަށް ދެ ރޭ މައުރަޒަށް ވަޑައިގެން އުފެއްދުންތައް ބައްލަވާލެއްވިކަންވެސް ފާހަގަކުރެވެއެވެ.
މި މައުރަޒުގައި ދިވެހިންގެ ހުނަރުވެރި އުފެއްދުންތަކާއި، ދިވެހި މަސައްކަތްތެރިކަމުގެ ނަމޫނާތަކާއި، ކާބޯތަކެތީގެ ސްޓޯލްތަކާއި، މިއުޒިކީ އަދި ސަގާފީ ހުށަހެޅުންތަކުގެ އިތުރުން އެކި ކުންފުނިތަކުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ މަޢުލޫމާތު ހިމެނޭ ސްޓޯލްތައް ބެހެއްޓިފައި ހުރިކަން ފާހަގަކުރެވުނެވެ. ޚާއްޞަކޮށް ކަސަބު، ބޯވަޅު އެޅި ލިބާސް، ކުރަހަނި، ތިލޭރު އަދި ލިޔެލާޖެހުން ފަދަ ދިވެހިވަންތަ މަސައްކަތްތަކުގެ އުފެއްދުންތަކާއި، ދިވެހި ކުރެހުންތެރިންގެ ތަފާތު މަސައްކަތްތައް މައުރަޒުގައި ހުށަހެޅިފައިވާކަން ފާހަގަކުރެވުނެވެ.
މައުރަޒުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ އެތަނުގައި ކުރިއަށްގެންދެވުނު މުނިފޫހިފިލުވުމުގެމުގެ ހަރަކާތްތަކެވެ. މި ހަރަކާތްތަކުން މައުރަޒަށް ޒިޔާރަތްކުރި ފަރާތްތަކަށް އިތުރު މަޖާއާއި ޝައުޤުވެރިކަން ގެނެސްދިން ކަމަށް ބެލެވެއެވެ.
"މި މައުރަޒަކީ ދިވެހިންގެ އުފެއްދުންތެރިކަމާއި ހުނަރުވެރިކަން ދައްކުވައިދިނުމުގެ ވަރަށް ރަނގަޅު ފުރުޞަތެއް. މިފަދަ މައުރަޒުތައް އިތުރަށް ބޭއްވުމަކީ ދިވެހި އުފެއްދުންތެރިންނަށް ވަރަށް މުހިންމު ކަމެއް،" މައުރަޒަށް ޒިޔާރަތްކުރި ފަރާތަކުން ބުނެފައިވެއެވެ.
މި ލިޔުން ކިޔާލުމުން