ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޢުމްރާނީ ތަރައްޤީ ފުޅާކުރުމަށް އައު ކުންފުންޏެއް އުފައްދަވައިފިއެވެ.
މިގޮތުން ޤާނޫނު ނަންބަރު 2023/7 (ކުންފުނީގެ ޤާނޫނު) ގެ 15 ވަނަ މާއްދާގެ ދަށުން މިއަދު އުފައްދަވާފައިވަނީ "އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ސޮލިއުޝަން ކޮމްޕެނީ ލިމިޓެޑް" އެވެ.
މިއީ ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އެކުލެވިގެންވާ ކުންފުންޏެކެވެ.
މި ކުންފުނި އުފެއްދެވުމުގެ މައިގަނޑު މަގުސަދަކީ، ދިވެހި ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދިވެހިރާއްޖޭގައި ބޮޑަށް އާބާދުވެފައިވާ އާރބަން ސަރަހައްދުތަކާއި، މަދުން އާބާދުވެފައިވާ ރޫރަލް ސަރަހައްދުތަކުގެ ޢުމްރާނީ ތަރައްޤީ ފުޅާކުރުމުގެ މަގުސަދު ހާސިލުކުރުމަށްޓަކައި، ދުނިޔެއަށް އަލަށް އީޖާދުވާ ޓެކްނޮލޮޖީއާއި ޒަމާނީ އީޖާދީ ވަސީލަތްތައް ބޭނުންކޮށްގެން، ގައު އެޅުމާއި ކާސްޓިންގގެ މަސައްކަތްތަކާއި އެއާ ގުޅުންހުރި ކަންކަން ކުރުމަށާއި، އެ މަސައްކަތްތަކާ ގުޅޭ އެންމެހައި ކަންކަން ތަންފީޒުކުރުމެވެ.
މި ކުންފުންޏަށް ހުއްދަކޮށްފައިވާ ރައުސުލްމާލަކީ، 10/- (ދިހައެއް) ރުފިޔާގެ 10،000،000 (ދިހަ މިލިޔަން) ހިއްސާގެ މައްޗަށް ބަހައިލެވިފައިވާ 100،000،000/- (ސަތޭކަ މިލިޔަން) ރުފިޔާއެވެ. އަދި އެ ކުންފުންޏަކީ އަމިއްލަ ނަމުގައި ދަޢުވާކުރުމާއި، ދަޢުވާ ލިބިގަތުމުގެ ޙައްޤު ލިބިގެންވާ، ވަކި ސިއްކައެއް އޮންނަ، ޤާނޫނީގޮތުން އަމިއްލަ ޝަޚްޞެކެވެ.
މި ލިޔުން ކިޔާލުމުން