ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ފެޑެރަލް ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ނޭޕާލުގެ 18 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، އެޤައުމުގެ ރައީސަށާއި ބޮޑުވަޒީރަށް ތަހުނިޔާއާ ހެޔޮއެދުންތައް ފޮނުއްވައިފިއެވެ.
އެޤައުމުގެ ރައީސް ރާމްޗަންދްރަ ޕޯޑެލް އަދި ބޮޑުވަޒީރު ކޭ.ޕީ ޝަރްމާ އޯލީ އަށް ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވީ އެ ދެބޭފުޅުންނަށް ވަކިވަކިން ފޮނުއްވި މެސެޖުގައެވެ.
މިގޮތުން ރައީސްގެ މެސެޖުގައި ވަނީ ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ނޭޕާލްގެ ސަރުކާރަށާއި ރައްޔިތުންނަށް ދުވަހުގެ ހެޔޮއެދުންތައް އަރިސްކުރައްވައިފައެވެ. އަދި ދެޤައުމުގެ ދެމެދުގައި އޮންނަ ގާތް އެކުވެރި ގުޅުން ދެމިއޮންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސްގެ މެސެޖުގައި ވަނީ ދިވެހިރާއްޖޭގައި ދިރިއުޅޭ ނޭޕާލްގެ ރައްޔިތުން ޤައުމުގެ އިޖުތިމާޢީ އަދި އިޤުތިޞާދީ ތަރައްޤީގައި އަދާކުރާ މުހިންމު ދައުރު ފާހަގަކުރައްވައިފައެވެ.
ރައީސްގެ މެސެޖު ނިންމަވާލައްވަމުން ވަނީ ނޭޕާލްގެ ރައީސާއި ބޮޑުވަޒީރުގެ ޞިއްޙަތަށާއި، ރައްޔިތުންނަށް ސުލްހައާއި ކުރިއެރުން އަދި ފާގަތިކަމަށް އެދިވަޑައިގެންފައެވެ.
މި ލިޔުން ކިޔާލުމުން