ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމާ ގުޅޭ ބިލު މަޖިލީހުގެ އައު ދައުރު ތެރޭގައި ހުށަހެޅުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ވިދާޅުވީ، ޑިމޮކްރަސީގެ ދަތުރުގައި ރާއްޖެ ފަދަ ޤައުމެއްގައި ކަންކަން ބައްޓަންވެފައި ހުންނަންވާނީ ރާއްޖެއަށް އެންމެ އެކަށީގެންވާ ގޮތެއްގައިކަމަށްވެސް ރައީސް ވިދާޅުވިއެވެ. އޭގެ އެއް ކަމަކީ ރައްޔިތުންގެ ބާރުވެރިކަން ކަށަވަރު ކުރެވޭ ގޮތަށް ޚަރަދު ކުޑަކުރުމުގެ ސިޔާސަތުތަކެއް ގެނައުން ކަމަށާއި އެކަމަށްޓަކައި ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމަކީ ރައްޔިތުންނަށް ރަނގަޅު ނަތީޖާތަކެއް ފެނިގެންދާނެ ކަމެއްކަމަށް ދެކެވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ.
އާބާދީގެ ނިސްބަތުން ރައްޔިތުން ތަމްސީލުކުރާ މެންބަރުންތަކެއްގެ މައްޗަށް ރައްޔިތުންގެ މަޖިލިސް އެކުލަވައިލަމުންދާ ދިއުމުގެ ސަބަބުން ދައުރަކަށްވުރެ ދައުރެއް، މެމްބަރުންގެ ޢަދަދު އިތުރުވަމުންދާ ދިއުމަށް އިތުރު ގޮތެއް ހޯއްދެވުމުގައި އެމަނިކުފާނު ގެންގުޅުއްވާ ވިސްނުންފުޅުވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ މި ޕޮޑްކާސްޓްގައި ޙިއްޞާކުރައްވާފައެވެ. ރައްޔިތުންގެ ރިޕްރެޒެންޓޭޝަން އިތުރުކުރުމަކީ، ޑިމޮކްރަސީގައި ހަމަ ރަނގަޅު ކަމެއް ކަމުގައި ޤަބޫލުފުޅުކުރައްވާކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، 93 އަށް އަރާފައިވާ މަޖިލީސް މެމްބަރުންގެ ޢަދަދު، އެއަށްވުރެ އިތުރު ނުވާނެ ގޮތަކަށް ޤާނޫނު ބަދަލުކުރުމަށް ހުށަހަޅުއްވާފައެވެ.
މި ހުރިހާ ކަމެއްގައިވެސް ރައްޔިތުންގެ ޚިޔާލު ހޯއްދަވަމުން ގެންދަވާނެ ކަމަށާ، ރައްޔިތުންގެ ފެންނަ، ނުފެންނަ ވޯޓަކަށްވެސް އަހާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މިކަމުގައި އެ މަނިކުފާނު އަމިއްލަފުޅަށް އެއްވެސް ކަމެއް ނުނިންމަވާނެ ކަމަށާ، ވެރިކަން ކުރައްވަނީ ރައްޔިތުންނަށްޓަކައި، ރައްޔިތުންނާއެކު، ރައްޔިތުންނާ ގާތުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ތަކުރާރުކުރެއްވިއެވެ. މި ކަންކަމާ މަޝްވަރާކުރެއްވުމަށް އާންމު ބަހުސަކަށް ހުޅުވާލައްވާފައި ވާކަން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވަނީ، އަޅުގަނޑުމެން ނިންމަމުން މިދަނީ މުސްތަޤުބަލުގެ މުހިންމު ނިންމުންތަކެއް ކަމުގައި ވިދާޅުވެ، ކަމުގެ ހައްސާސްކަމާމެދު ހުރިހާ ރައްޔިތުންވެސް ވިސްނާވަޑައިގަތުމަށް ގޮވާލައްވާފައެވެ.
''ފެންނަ ނުފެންނަ ވޯޓެއް ނެގުމާ ބެހޭގޮތުން އަޅުގަނޑުމެން މިހާރު މިވަނީ ވިސްނާފައި، އަދި އެކަމާ ގުޅޭ ޤާނޫނެއްވެސް ފާސްކުރަން ޖެހޭ، ދެވަނަ ދައުރަކަށް ޖޫން މަސް ތެރޭގައި މަޖިލިސް ހުޅުވިގެން ދިއުމުން އެކަމާ ބެހޭ ބިލެއް ހުށަހެޅުމަށް މަސައްކަތްތަކެއް އެބަ ކުރެވޭ'' ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.
މި ލިޔުން ކިޔާލުމުން