ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ ދައުރު ނިމެން ދޮޅު އަހަރު ނެތް ނަމަ، ހުސްވާ މަގާމުތަކަށް އައްޔަނުކުރަން ބައި އިލެކްޝަން ބާއްވަން ނުޖެހޭ ގޮތަށް އިދާރީ ދާއިރާތައް ލާމަރުކަޒީ ގާނޫނަށް ހިންގުމުގެ އިސްލާހު ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން، ހޯރަފުށި ދާއިރާގެ މެންބަރު ޢަލީ މޫސާ ހުށަހެޅުއްވި މި ބިލުގެ ފުރަތަމަ ކިއުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއްވާފަ އެވެ.
އެ ބިލު ހުށަހެޅީ، ކައުންސިލްތަކުގެ އުމުރުގެ ތެރޭގައި މެމްބަރުންގެ ގޮނޑި ހުސްވާ ހާލަތްތައް އިތުރުވަމުންދިއުމުގެ ސަބަބުން ތަކުރާރުކޮށް ގިނަ އަދަދަކަށް ބައި އިލެކްޝަން ބާއްވަން ޖެހޭތީ އެކަމަށް ކުރަންޖެހޭ ހަރަދުތައް ވެސް އިތުރުވަމުންދިއުމާ ގުޅިގެން ބައި އިލެކްޝަންތައް ގިނަގިނައިން ބާއްވަން ނުޖެހޭ ގޮތް ހެދުމަށެވެ.
އެ އިސްލާހުގައި ހުށަހަޅާފައިވަނީ ކައުންސިލެއްގެ ނުވަތަ ޑަބްލޮއުޑީސީއެއްގެ މެމްބަރެއްގެ މަގާމު ހުސްވިއިރު، އެ ކައުންސިލެއް ނުވަތަ ކޮމިޓީއެއްގެ އުމުރުގެ ބާކީ އޮތީ 548 ދުވަސް، ނުވަތަ ދޮޅު އަހަރަށް ވުރެ ކުރު މުއްދަތެއް ނަމަ ހުސްވި މަގާމަށް މެމްބަރަކު އިންތިހާބުކޮށްގެން ނުވާނެ ކަމަށެވެ.
މިހާރު ގާނޫނު އޮންނަ ގޮތުން ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ ދައުރު ނިމެން އަހަރަކަށް ވުރެ ކުރު މުއްދަތެއް އޮތް ނަމަ އިންތިހާބު ކުރަން ލާޒިމެއް ނޫނެވެ. އެކަމަކު، ދައުރުގެ ތެރޭގައި މެމްބަރެއްގެ މަގާމު ހުސްވުމުގެ ސަބަބުން ބައްދަލުވުމެއް ބޭނުންވާ ގާނޫނީ އަދަދު ހަމަވާ މިންވަރަށް އެ ކޮމިޓީގައި މެމްބަރުން ނެތް ނަމަ އެ މަގާމަށް އިންތިހާބުކުރެވޭނެ އެވެ.
މި ލިޔުން ކިޔާލުމުން