ހ. ފެންޓޯނިއާގެއިން ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ވެއްޓި އަނިޔާވި ހައްވާ ޔުމްނު ރަޝީދުގެ އިތުރު ފަރުވާއަށް މެލޭޝިއާއަށް ގެންދިއުމަށް އެހީވުމަށް ބޭއްވި ޓިކްޓޮކް ލައިވްއެއްގައި ދޮޅުގަޑިއިރުގެ ތެރޭގައި 735,367.16 ރުފިޔާ ހޯދައިދީފިއެވެ.
މި ފަންޑްރައިޒިންގ ހަރަކާތް ކުރިއަށް ގެންދިޔައީ މީގެ ކުރިންވެސް މިފަދަ ހަރަކާތްތައް ހިންގާފައިވާ ޝެހެނާޒް މޫސާ (ޝެހޭ) އިސްވެ ހުރެގެންނެވެ. އެ ޓިކްޓޮކް ލައިވްގައި ޔުމްނުގެ އެއްބަނޑު އެއްބަފާ ދައްތަވެސް ބައިވެރިވިއެވެ. މިރޭ ރަސްމީކޮށް ފެށި މި ލައިވްގައި 565,501.21 ރުފިޔާއާއި 11,015.95 ޑޮލަރު ލިބުނެވެ.
ޔުމްނުގެ ފަރުވާއަށް ހިނގާނެ ހަރަދުތައް ހަމަޖައްސައިދޭނެ ކަމަށް ސަރުކާރުން އިއްޔެ ބުނެ، އެންސްޕާ މެދުވެރިކޮށް 385,500 ރުފިޔާ ހަމަޖައްސައިދިނެވެ. ނަމަވެސް އެ ފައިސާއިން ޔުމްނުގެ ފަރުވާގެ ކަންކަން އެއްކޮށް ހަމަނުޖެހޭތީ އިތުރު ފައިސާ ހޯދުމަށް މި ފަންޑްރައިޒިންގ ހަރަކާތް ބޭއްވީއެވެ.
ޔުމްނުގެ އާއިލާއިން މެލޭޝިއާ ޚިޔާރުކުރީ އެ އާއިލާގެ ބައެއް މެންބަރުން އެ ގައުމުގައި ދިރިއުޅެމުން އަންނާތީއެވެ.
ޓިކްޓޮކް ލައިވްގެ އިތުރުން އިންސްޓަގްރާމް، ފޭސްބުކް އަދި ޓްވިޓާގައިވެސް ފަންޑްރައިޒިންގ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ.
ޔުމްނު އަނިޔާވީ މި މަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. ފެންޓޯނިއާގެއިން ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ވެއްޓިގެންނެވެ. ސްރީލަންކަން އެއާލައިންސް ފްލައިޓެއްގައި އިތުރު ފަރުވާއަށް ޔުމްނު މިރޭވަނީ މެލޭޝިޔާއަށް ފުރުވާފައެވެ.
މި ލިޔުން ކިޔާލުމުން