ދިވެހި ފުލުހުންގެ ޚިދުމަތުން މައްސަލައެއް ބަލަން ފަށާ ހިސާބުން ފުރަތަމަވެސް ރައްޔިތުންނާ އެ މަޢުލޫމާތެއް ޙިއްޞާކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ.
މިގޮތުން ފުލުހުންގެ 92 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވަނީ ފުލުހުންގެ މުއައްސަސާއަށް ރައްޔިތުންގެ އިތުބާރު އޮންނަންޖެހޭ މިންވަރަށް އިތުބާރު ޤާއިމުކުރުމުގައި މަޢުލޫމާތު ޙިއްޞާކުރާ މިންވަރު ވަރަށް މުހިންމު ދައުރެއް އަދާކުރާކަމަށާއި، ރައްޔިތުންނަށް ވީހާވެސް ދެފުށް ފެންނަ ގޮތެއްގައި، އަވަހަށް މަޢުލޫމާތު ޙިއްޞާކުރުމަށް އެދިވަޑައިގެންފައެވެ.
މީގެ އިތުރުން، މައްސަލައެއް ބަލަން ފަށާ ހިސާބުން ފުރަތަމަވެސް ރައްޔިތުންނަށް އެ މަޢުލޫމާތެއް ޙިއްޞާކުރުމަށާއި، ދެފުށް ފެންނަ ގޮތެއްގައި މަޢުލޫމާތު ގެނަސްދިނުމުން ރައްޔިތުންނަށްވެސް ހިތްހަމަޖެހުން ލިބިގެންދާނެކަމަށާއި، ފުލުހުންނަށްވެސް ހިތްހަމަޖެހުން ލިބިގެންދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިކަމުގެ ސަބަބުން ފުލުހުންގެ ޒިންމާދާރު މަސައްކަތްތަކަށް އިތުރު ކުރިއެރުން ލިބިގެންދާނެކަމަށާއި، ސިޔާސީ ބޭނުންތަކަށާއި އެކިއެކި ބޭނުންތަކަށް ނަހަމަ މަޢުލޫމާތު ފެތުރުންވެސް ދުރުކުރެވިގެންދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ހަމަ އެއާއެކު ރައްޔިތުންނާ ގާތްކޮށް މަސައްކަތްތައް ކުރިއަށްގެންދިއުމަށްވެސް ރައީސް އެދިވަޑައިގެންނެވިއެވެ.
މި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް އިތުރަށް ވިދާޅުވީ ޤާނޫނުގެ ވެރިކަން ދެމެހެއްޓުމުގައި އެންމެ މުހިންމު ޒިންމާއަދާކުރަންޖެހޭ މުއައްސަސާއަކީ ފުލުހުންގެ މުއައްސަސާ ކަމަށެވެ. އަދި އެގޮތަށް ފުލުހުންގެ މުއައްސަސާ ކުރިއަށްގެންދިއުމުގައި އަދި ރައްޔިތުންގެ ތެރޭގައި ފުލުހުންނާމެދު އޮންނަ އިތުބާރު ވަރުގަދަކޮށް ދަމަހައްޓައި ކުރިއެރުވުމަށް ކޮށްދޭންޖެހޭ ކޮންމެ މަސައްކަތެއް، ގެނެސްދޭންޖެހޭ ކޮންމެ ކުރިއެރުމެއް ގެނެސްދިނުމަކީ އެމަނިކުފާނުގެ ފަޚުރެއް ކަމަށްވެސް ރައީސް ވިދާޅުވެފައިވެއެވެ.
މި ލިޔުން ކިޔާލުމުން