އައު އީޖާދުތަކާއި ވިސްނުންތަކުގެ ތެރެއިން ރާއްޖޭގެ ދެމެހެއްޓެނިވިކަމާއި ކުރިއެރުމަށް މަސައްކަތްކުރަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް ޑރ މުއިއްޒު މިފަދައިން ވިދާޅުވީ ދުނިޔޭގެ އުފެއްދުންތެރިކަމާއި އީޖާދުގެ ދުވަހާ ގުޅިގެން މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
އ.ދ އިން ފާހަގަކުރާ މި ދުވަހަކީ އިންސާނީ ތަރައްޤީގައި އުފެއްދުންތެރިކަމާއި އީޖާދުގެ ދައުރަށް މީހުން ހޭލުންތެރިކުރުމަށް ކަނޑައަޅާފައިވާ ދުވަހެކެވެ. މި ދުވަހާ ގުޅިގެން ރައީސް މުޢިއްޒު ވަނީ އުފެއްދުންތެރިކަމާއި އީޖާދީ ވިސްނުމަށް އިސްކަންދޭ ރާއްޖެއަކަށް ބިނާކުރުމަށް އަމާޒު ހިފަންޖެހޭ ކަމަށް ވިދާޅުވެފައެވެ.
ރައީސް މުޢިއްޒުގެ ވިސްނުންފުޅުގައި، އެފަދަ ރާއްޖެއެއްގައި ކޮންމެ ކުއްޖަކަށްވެސް ދެކޭ ހުވަފެންތައް ހާސިލްވެ، ކޮންމެ ފަންނުވެރިއެއް ކުރިއަރައި، އަދި ކޮންމެ އުފެއްދުންތެރިއެއް ޤައުމުގެ މުސްތަޤުބަލު ބައްޓަންކުރުމުގައި ހިއްސާދާރަކަށް ވާނެއެވެ. އަދި ދިވެހި ޤައުމު ބިނާކުރުމުގައި ދެމެހެއްޓެނިވިކަމާއި ކުރިއެރުން ހޯދުމަށް، އީޖާދީ ވިސްނުމާއި އުފެއްދުންތެރިކަން އިސްކުރަންޖެހޭ ކަމަށް އެމަނިކުފާނު ވަނީ އިސްކަން ދެއްވާފައެވެ.
ރާއްޖޭގެ އުފެއްދުންތެރިކަމުގެ ޖީލެއް ބިނާކޮށް، އެފަރާތްތަކަށް އާމްދަނީ ލިބޭނެ ގޮތް މަގުފަހިކޮށްދިނުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. މިގޮތުން، ކްރިއޭޓިވް އިކޮނޮމީއެއް ޤާއިމްކުރުމަށް މަގުޗާޓެއް އެކުލަވާލައި މިދިޔަ އަހަރު ސަރުކާރުން ވަނީ އިފްތިތާޙްކޮށްފައެވެ. އަދި ރާއްޖޭގެ އުފެއްދުންތެރިކަމުގެ މާހައުލެއް ޤާއިމްކޮށް، ބޭރުގެ މާކެޓުތަކަށް ނުކުމެ އާމްދަނީ ހޯދޭނެ މަގު ތަނަވަސްކޮށްދިނުމަށް ސަރުކާރުން ވަނީ މަސައްކަތް ފަށާފައެވެ.
މި ލިޔުން ކިޔާލުމުން