އޮންލައިން ނޫސް، "ފަރުދުން" އިން އިންތިޒާމުކޮށްގެން ނިމިދިޔަ 1146 ވަނަ އަހަރުގެ ރަމަޟާން މަހު ބޭއްވި ކުރުވާހަކަ މުބާރާތުން ވަނަވަނައަށް ދިޔަ ފަރާތްތައް ހޮވައިފިއެވެ.
މިގޮތުން "ބަބުޅި" ނަމުގައި ކުރިއަށްގެންދިޔަ މި މުބާރާތުގެ އެންމެ މޮޅު ތިން ވަނައަށް ދިޔަ ފަރާތްތަކަށް ވަނީ ހަނދާނީ ލިޔުމާއި ފައިސާގެ އިނާމު ހަވާލުކޮށްފައެވެ. މި މުބާރާތުގައި އެއްވަނައަށް ދިޔައީ އާމިނަތު ޝީޒާގެ "ގާތިލު" މި ވާހަކައެވެ. ދެވަނައަށް ދިޔައީ ޢާއިޝަތު ލިޔުސާގެ "ބަދުދުޢާ" އެވެ. އަދި ތިންވަނައަށް ދިޔައީ ޢަލީ ޝަހީމްގެ "ހެޔޮ ބަދަލު" މި ވާހަކައެވެ.
ދިވެހި ބަހުގެ ކުރުވާހަކަ ލިޔުމުގެ ހުނަރު ކުރިއެރުވުމަށާއި، ޒުވާން ލިޔުންތެރިންނަށް ފުރުޞަތު ހޯދައިދިނުމުގެ މަޤުޞަދުގައި ކުރިއަށްގެންދިޔަ މި މުބާރާތުގެ އެއްވަނަ އަށް 5،000ރ. ގެ ފައިސާގެ އިނާމާއެކު ހަނދާނީ ލިޔުމަކާއި ޓްރޮފީއެއް ދީފައިވާއިރު، ދެވަނައަށް ދިޔަ ފަރާތަށް 3،000ރ. އާއެކު ހަނދާނީ ލިޔުން އަދި ތިންވަނަ އަށް 2،000ރ. ގެ ފައިސާގެ އިނާމަކާއެކު ހަނދާނީ ލިޔުން ވަނީ ދީފައެވެ.
"ފަރުދުން" އިން ބުނީ މި މުބާރާތުގައި ބައިވެރިން ހުށައަޅައި ވާހަކަތަކަށް އިންސާފުކުރެވިފައިވަނީ، ލިޔުންތެރިކަމަށް ބަލައި މާކުސް ދީގެން ކަމަށާއި، އެގޮތުން، ހުށަހަޅާފައިވާ ވާހަކަތަކުގެ ތެރެއިން އެންމެ މޮޅު 30 ވާހަކަ ހޮވާފައިވާ ކަމަށެވެ.
މިގޮތުން ހޮވާލެވުނު 30 ވާހަކަ، ރަމަޟާން މަހުގެ ކޮންމެ ދުވަހަކު "ފަރުދުން" މީޑިއާގެ މީސްމީޑިއާ މަންސަތަކުން ގެނެސްދީފައިވާއިރު، މުބާރާތުގެ ވަނަ ވަނައަށްދާ ވާހަކަތައް ހޮވާފައިވަނީ މި 30 ވާހަކައިގެ ތެރެއިންނެވެ.
މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ މި މުބާރާތަށް ވާހަކަ ލިޔެފައި ފޮނުވުން، "ފަރުދުން" މީޑިއާއިން ވަނީ އެ ވާހަކަތަކުގެ އޯޑިއޯ ތައްޔާރުކޮށްފައެވެ. މި މުބާރާތުގައި އެއްވަނައަށް ދިޔަ ފަރާތަށް ފަރުދުން މީޑިއާގައި ވާހަކަ ލިޔުމުގެ ފުރުޞަތުވެސް ލިބިގެންދިޔައެވެ.
މި ލިޔުން ކިޔާލުމުން