ރާއްޖޭގެ ފަރުތަކަށް އަރައި ބޯޓުފަހަރު ޖޫރިމަނާކުރުމުން ދައުލަތަށް ދައްކަންޖެހޭ ފައިސާ ލިބޭނެކަން ކަށަވަރުކުރުމަށް ގަވާއިދެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން މިއަދު ހާމަކުރައްވައިފިއެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މަޝްރޫޢުތައް ހިންގާއިރު، ބޭރު ޤައުމުތަކަށް ރަޖިސްޓްރީކޮށްފައިވާ ބާޖުތަކާއި ބޯޓުފަހަރު ދިވެހި ކަނޑުތަކުގައި ހަރަކާތްތެރިވަމުންދާއިރު، ގިނަ ފަހަރަށް މިފަދަ އުޅަނދުފަހަރު ފަރަށް އަރައި، ފަރުތަކަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދުމަށް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީން ކުރާ ޖޫރިމަނާތައް ނުދައްކާ ކަމަށް ވުޒާރާއިން ފާހަގަކުރެއްވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީއަށް މަޢުލޫމާތު ދެއްވަމުން، ވުޒާރާއިން ވިދާޅުވީ ޖޫރިމަނާ ފައިސާ ހޯދުމަށް އެންމެ އެކަށީގެންވާ ގޮތަކީ ރާއްޖެ އެތެރެވާ ބޯޓުފަހަރަކީ އިންޝުއަރެންސް ނަގާފައިވާ ބޯޓުތަކެއްކަން ކަށަވަރުކުރުން ކަމަށެވެ. އަދި މިކަމަށްޓަކައި "ނައިރޯބީ ކޮންވެންޝަން" ގައި ބައިވެރިވުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް ވުޒާރާއިން ހާމަކުރެއްވިއެވެ.
އީޕީއޭގެ ޑިރެކްޓަރ ޖެނެރަލް އިބްރާހިމް ނަޢީމް ވިދާޅުވީ "ބައެއް ބޯޓުފަހަރު އެބަހުރި ފަރަށް އަރާފަހުން ނުނަގާ. އަޅުގަނޑުމެންނަށް ޖޫރިމަނާ ކުރެވެން އޮންނަނީ ބޯޓު ފަރުން ނެގީމަ. ވަރަށް ބޮޑަށް މަޝްވަރާކޮށްގެން ފައިސާ ހޯދަން މި ޖެހެނީ" ކަމަށެވެ.
ބަންޑާރަނައިބުގެ އޮފީހުގެ މަޢުލޫމާތު ދެއްކޭގޮތުން، މިވަގުތު ކޯޓުތަކުގައި ހިނގަމުންދާ ފަރަށް އެރި ބޯޓުފަހަރުގެ 9 މައްސަލައިގައި، ޖޫރިމަނާގެ ގޮތުގައި ދައުލަތަށް 5 މިލިއަން ރުފިޔާ ލިބެންޖެހެއެވެ. އަދި މި އަހަރުގެ ތެރޭގައި އައު ގަވާއިދު ގެޒެޓްކުރުމަށް ވުޒާރާއިން ވަނީ އަމާޒު ހިފާފައެވެ.
މި ލިޔުން ކިޔާލުމުން