ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ސައިޓުތަކަށް ދޫކޮށްފައިވާ "ޕެޓީކޭޝް" ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ މައްސަލައެއްގައި ދަޢުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަނުން މި މައްސަލަ ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ މި މަހުގެ 10 ވަނަ ދުވަހުއެވެ.
އެ މައްސަލާގައި ދައުވާކޮށްދޭން އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވީ ފެނަކައިގެ ޕްރޮޖެކްޓްސް ޑިޕާޓްމަންޓުގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމުގައި އޭރު ހުރި ސ. ފޭދޫ، އަހުމަދު ސާތިޝް ސައީދު އާއި ޕްރޮޖެކްޓްސް ޑިޕާޓްމަންޓުގެ ސީނިއާ އިންޖީނިއަރިން މަގާމުގައި ހުރި ތ. ތިމަރަފުށި، މުހައްމަދު އާސިދު އަދި ފެނަކައިގެ ސުޕަވައިޒަރެއްގެ މަގާމުގައި ހުރި ސ. ފޭދޫ، ހުސެއިން އާސިރުގެ މައްސަލަ އެވެ.
ޚަބަރު: ފެނަކައިގެ ޕެޓީކޭޝް ފައިސާ ނަހަމަގޮތުގައި ބޭނުންކުރި މައްސަލަ ޕީޖީ އޮފީހަށް ފޮނުވައިފި
އިތުރު މަޢުލޫމާތު: https://t.co/UYbDtbg9Ha… pic.twitter.com/tZjORY8GSv— ACC-MALDIVES (@ACC_Maldives) April 15, 2025
ފެނަކައިގެ އައްޑޫ ސިޓީ، ސ.ހިތަދޫ ސެންޓްރަލް ޕަވަރ ސްޓޭޝަން (ސީ.ޕީ.އެސް) ޕްރޮޖެކްޓުގެ ޕެޓީކޭޝް ފައިސާގެ ގޮތުގައި ފެނަކައިން ދޫކޮށްފައިވާ ފައިސާ، އެ ކުންފުނީގެ ޕެޓީ ކޭޝް ބެލެހެއްޓުމާ ބެހޭ ގަވާއިދާ ޚިލާފަށް އަމިއްލަ ބޭނުންތަކަށް، އަޙްމަދު ސާތިޝް ސަޢީދު އާއި، މުޙައްމަދު ޢާޞިދު އަދި ޙުސައިން އާސިރު ބޭނުންކޮށްފައިވާކަމަށް އޭސީސީން ބުނެފައިވެއެވެ.
މި މައްސަލައިގައި، 623,208.80 ރުފިޔާ (ހަ ލައްކަ ތޭވީސް ހާސް ދުއިސައްތަ އަށް ރުފިޔާ އަށްޑިހަ ލާރި) އަނބުރައި ހޯދުމަށް އޭސީސީން ވަނީ ފެނަކައަށް އަންގާފައެވެ.
މި މައްސަލައިގައި ދަޢުވާކޮށްދިނުމަށް އެދި ހުށަހަޅާފައިވަނީ، ދިވެހިރާއްޖޭގެ ޤާނޫނުލްޢުގޫބާތުގެ 81 ވަނަ މާއްދާގެ (ހ) ގެ ދަށުން ކުށެއްކުރަން އެދުމުގެ ކުށުގެ ދަޢުވާއާއި، 82 ވަނަ މާއްދާގެ (ހ) ގެ ދަށުން ކުށެއްކުރަން ރޭވުމުގެ ކުށުގެ ދަޢުވާއާއި، 513 ވަނަ މާއްދާގެ (ށ) ދަށުން ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން މަންފާ ހޯދުމާއި ހޯދައިދިނުމުގެ ކުށުގެ ދަޢުވާގެ އިތުރުން 516 ވަނަ މާއްދާގެ (ހ) ގެ ދަށުން ދައުލަތުގެ މުދަލާއި ފައިސާއަށް ޚިޔާނާތްތެރިވުމުގެ ކުށުގެ ދަޢުވާއެވެ.
މި ލިޔުން ކިޔާލުމުން