އަހަރީ ފީއާއި ޖޫރިމަނާގެ ގޮތުގައި ބޮޑެތި އަދަދުން ފައިސާ ދައްކަންޖެހޭ ފަރާތްތަކަށް ލުޔެއް ދިނުމުގެ ގޮތުން، ބަހާލައިގެން ފައިސާ ދެއްކޭގޮތަށް މިހާތަނަށް 60 ފަރާތަކާއެކު އެއްބަސްވުން ހަދައިފައިވާ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، މި ފުރުސަތަށް މިހާތަނަށް 125 ފަރާތަކުން އެދިފައިވާ ކަމަށާއި، އޭގެ ތެރެއިން 60 ފަރާތަކާއެކު އެއްބަސްވުން ހަދައި، ބަހާލައިގެން ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖައްސައިދީފައިވާ ކަމަށެވެ. އަދި ބާކީ ތިބި ފަރާތްތަކާއެކުވެސް އަވަހަށް އެއްބަސްވުން ހަދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މި އުސޫލުގެ ދަށުން ލުއި ދެވެނީ އަހަރީ ފީއާއި ޖޫރިމަނާގެ ގޮތުގައި 5،000 ރުފިޔާއަށްވުރެ މަތިން ފައިސާ ދައްކަންޖެހޭ ފަރާތްތަކަށެވެ. މި ފުރުސަތު ހުޅުވާލާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުއެވެ.
"މިއީ ރައްޔިތުންނަށް ދެވުނު ވަރަށް ބޮޑު ލުޔެއް،" ވަޒީރު އަމީން ވިދާޅުވިއެވެ.
ބަހާލައިގެން ފައިސާ ދެއްކުމުގެ އެއްބަސްވުމުގައި، ކޮންމެ މަހަކު ދައްކަންޖެހޭ އަދަދު ކަނޑައަޅަނީ ކޮމިޓްމަންޓް ފީގެ ގޮތުގައި ދައްކާ އަދަދު އުނިކުރުމަށްފަހުގައެވެ. އަދި އެއްބަސްވުމުގައި ސޮއިކުރާތާ 30 ދުވަހުގެ ތެރޭގައި ފައިސާ ނުދައްކައިފިނަމަ، އެއްބަސްވުން ބާތިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.
މި ލިޔުން ކިޔާލުމުން