މި އަހަރުގެ އަޟްޙާ ޢީދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤައުމީ ފެންވަރުގައި ފާހަގަކުރުމަށް ހިންގޭ ޙަރަކާތްތަކުގެ މިންގަނޑުތައް އިތުރަށް ފުރިހަމަކުރުމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ.
މިގޮތުން މިކަމާ ބެހޭ ގޮތުން މަޝްވަރާ ކުރެވިފައިވަނީ އަޟްޙާ ޢީދުގެ ހަރަކާތްތައް ރާވައި އުސޫލުތައް ކަނޑައެޅުމަށް އެކުލަވާލައިފައިވާ ފަންނީ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައެވެ.
ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި މި ބައްދަލުވުމުގައި ޢީދުގެ ހަރަކާތްތައް ފާއިތުވި އަހަރަށް ވުރެ ފުރިހަމަކުރުމަށް ޓަކައި ކުރެވިދާނެ ކަންކަމާ ބެހޭ ގޮތުން މަޝްވަރާ ކުރެވުނެވެ.
އެ ވުޒާރާއިން ބުނީ ޤައުމީ ފެންވަރުގައި ރަސްމީކޮށް ތިން ސަރަހައްދެއްގައި ބޭއްވިޔަސް މުޅި ރާއްޖެ ޝާމިލުވާނެހެން ކަންކަން އިންތިޒާމުރުމާއި، އެކި ކަންކޮޅުތަކުގައި އެކި ފަރާތްތަކުން ބާއްވާ ހަރަކާތްތައް ޤައުމީ ޓީވީން ދުރަށް ދެއްކޭނެ ގޮތްތައް ވީހާވެސް ބޮޑަކަށް ހަމަޖެއްސުމާއި، އިސްލާމީ އިންތަކާއި މިންގަނޑުތަކަށް ފެތޭނެހެން އީދުގެ ހަރަކާތްތައް ބަންޓަންކުރުމަށް ބާރު އަޅައި، އެކަން ކަށަވަރުކުރުމަށް އިސްކަން ދިނުމާ ގުޅޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާކޮށްފައިވާ ކަމަށެވެ.
އަދި ޚާއްޞަކޮށް ޢީދުގެ ޕްރޮޕޯސަލްތައް އެކުލަވާލުމަށް މިންގަނޑުތައް ކަނޑައަޅާ އިރު، އެ ފަދަ ހަރުދަނާ އިޞްލާޙީ ވިސްނުމެއްގެ މައްޗަށް ކަންކަން އެކަށައެޅުމާ ގުޅޭގޮތުންވެސް މިއަދުގެ ބައްދަލުވުމުގައި މަޝްވަރާކޮށްފައިވެއެވެ.
އެ ވުޒާރާއިން ބުނީ މި ކޮމިޓީގައި ދީނީ ކަންކަމުގައި ލަފާދެއްވުމަށް ހަމަޖެހިފައިވަނީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ކަމަށާއި، ފަންނީ ކަންކަމުގައި ލަފާދޭނީ ޕީއެސްއެމުން ކަމަށެވެ. އަދި އިންތިޒާމީ އިދާރީ ކަންކަން ބަލަހައްޓާނީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިންނެވެ.
މި ލިޔުން ކިޔާލުމުން