އައްޑޫސިޓީ ގަން އެއާޕޯޓް މަޝްރޫޢުގެ ސްކޯޕަށް ސަރުކާރުން ގެނައި ބަދަލާ ގުޅިގެން އައްޑޫސިޓީ ކައުންސިލުން ނުހަނު ކަންބޮޑުވުން ފާޅުކޮށް، އެ ނިންމުން އަލުން މުރާޖަޢާ ކުރުމަށް އިލްތިމާސްކޮށްފިއެވެ.
ހައުސިންގ މިނިސްޓްރީން ނިންމާފައިވަނީ، އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތެރޭގައި ހިމެނޭ މަގެއްގެ މަސައްކަތް ކުރުމަށް ހުސްކުރަންޖެހޭ ޢިމާރާތެއް ހުސްނުކުރެވި، އެ ބިން ކޮންޓްރެކްޓަރާ ޙަވާލުނުކުރެވުމުގެ ސަބަބުން، ކޮންޓްރެކްޓަރަށް ބަދަލު ދޭންޖެހިދާނެތީ، ހަދަމުންދާ މަގު ވަކި ހިސާބަކުން ހުއްޓާލުމަށެވެ.
މިކަމާ ގުޅިގެން ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ގަން އެއާޕޯޓް މަޝްރޫޢަކީ މުޅި ދެކުނުގެ އަތޮޅުތައް ބައިނަލްއަޤްވާމީ އުދުހުންތަކާ ގުޅުވައިދީ، އައްޑު އަދި ދެކުނުގެ އެންމެހައި އަތޮޅުތަކުގެ ޓޫރިޒަމާއި އިޤްތިޞާދު ކުރިއެރުވުމަށް ޒަމާނުއްސުރެ ކުރަމުން އައި މަސައްކަތްތަކުގެ ފޮނި ނަތީޖާއެއް ކަމަށެވެ.
"އައްޑޫގެ ތަރައްޤީގެ މައި ނާރެހަކީ ގަން އެއާޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުކަމުގައި އެންމެހައި ލޮބުވެތި ރައްޔިތުން ވެސް ޤަބޫލުކުރާނެކަން އެނގޭހާލު، ހަމައެކަނި ސަރުކާރުގެ ވުޒާރާތަކުގެ މެދުގައި ސުލްޙަވެރިކޮށް ވާހަކަ ދައްކައިގެން ޙައްލު ކުރެވެން އޮތް ކުޑަ މައްސަލައެއް ޙައްލުނުކުރެވުމަކީ ނުހަނު ހިތާމަހުރި ކަމެއް،" ކައުންސިލުގެ ބަޔާނުގައި ބުނެފައިވެއެވެ.
ކައުންސިލުން ފާހަގަކޮށްފައިވާ ގޮތުގައި، ކައުންސިލާއި އައްޑޫ އެއާޕޯޓްސް ކުންފުންޏާ އެއްވެސް ވަރަކަށް މަޝްވަރާ ކުރުމެއްނެތި މިފަދަ ނިންމުމެއް ނިންމުމަކީ ލާމަރުކަޒީ ނިޒާމާ ބީރައްޓެހި، އަދި މުޅި ދެކުނުގެ ރައްޔިތުންގެ ޙައްޤު ގެއްލޭ ގޮތަށް ނިންމާފައިވާ ނިންމުމެކެވެ. އެހެންކަމުން އައްޑޫސިޓީގެ މޭޔަރު، ޑެޕިއުޓީ މޭޔަރު، ކައުންސިލަރުން އަދި ރައްޔިތުންގެ ނަމުގައި މި ނިންމުން އަލުން މުރާޖަޢާ ކުރުމަށް ސަރުކާރަށް އިލްތިމާސްކޮށްފައިވެއެވެ.
މި ލިޔުން ކިޔާލުމުން