ގދ. ހޯނޑެއްދޫގެ އެކިތަންތަނުގައި އަލިފާން ރޯކުރުން އާންމުވެފައިވާތީ، މިއަދުން ފެށިގެން އެފަދަ ޢަމަލުތައް ހިންގާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެކަމަށް އެރަށު ކައުންސިލުން މިއަދު އިއުލާނުކޮށްފިއެވެ.
މިކަމާ ގުޅިގެން އިއްޔެ ނެރުނު އިޢުލާނުގައި ކައުންސިލުން ފާހަގަކޮށްފައިވަނީ، މިފަދަ ޢަމަލުތަކަކީ އަލިފާނުގެ ނުރައްކާތެރި ހާދިސާތައް ހިނގުމަށް މަގުފަހިވެދާނެ ކަމެއްކަމަށެވެ. އަދި މިކަމުގެ ސަބަބުން ދަނޑުބިންތަކާއި ރައްޔިތުންގެ ރުއްގަހާއި މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބިގެންދިއުމުގެ ފުރުޞަތު އޮތްކަމަށްވެސް ކައުންސިލުން ވަނީ ބުނެފައެވެ.
ކައުންސިލުން ފާހަގަކުރި ގޮތުގައި، އަލިފާން ރޯކޮށް، އޭގެ ސަބަބުން އުފެދޭ ދުމުން އަވަށްޓެރިންނަށް އުނދަގޫވާގޮތަށް އަލިފާން ރޯކުރުމަކީ ގަވާއިދު ނަންބަރު: 2019/R-995 (އާންމު އުނދަގުލާބެހޭ ގަވާއިދު) ގެ ދަށުން މަނާކަމެކެވެ.
އެހެންކަމުން، އެކަށީގެންވާ ރައްކައުތެރިކަމުގެ ފިޔަވަޅު އެޅުމެއްނެތި، އާންމު ތަންތަނުގައި އަލިފާން ރޯކުރާ ފަރާތްތަކާމެދު ގަވާއިދުގެ ދަށުން ފިޔަވަޅު އަޅަމުންދާނެކަމަށް ކައުންސިލުން ވަނީ އިންޒާރުދީފައެވެ.
މި ލިޔުން ކިޔާލުމުން