ފުލެޓް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ކަންކަމަށް "ދަ ކޮމަނާސް" ޖަމިއްޔާއިން އެހީތެރިވެދޭން ނިންމައިފިއެވެ.
މި ޖަމިއްޔާއިން މިއަދު ފޭސްބުކުގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މާދަމާ (4 އޭޕްރީލް) އިން ފެށިގެން 10 އޭޕްރީލްއާ ހަމައަށް ކޮންމެ ދުވަހަކު ހަވީރު 4:00 އިން ރޭގަނޑު 8:00 އާ ދެމެދު (ނަމާދު ވަގުތު ފިޔަވައި) ފަހި ފްލެޓާ ގުޅިގެން ޝަކުވާ ހުށަހެޅުމަށް އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ހުޅުވާލާ ހެލްޕް ޑެސްކްގެ މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށެވެ.
މި ޚިދުމަތް ދޭނީ ހުޅުމާލޭގައި ހުންނަ "ޕޯޓް ކިއޯސްކް އެންޑް ކެފޭ" ގެ ފުރަތަމަ ފަންގިފިލާގައި ކަމަށް އެ ޖަމިއްޔާއިން ވަނީ މަޢުލޫމާތު ދީފައެވެ. އަދި ޝަކުވާ ހުށަހެޅުމަށް އެހީއަށް އެދި އަންނަ ފަރާތްތަކުން ޕޯޓަލްއަށް ވަދެވޭނެހެން ފޯނު ނުވަތަ އެހެން ޑިވައިސްއެއް ގެނައުމަށާއި، ބަލަންޖެހޭ ލިޔެކިޔުންތަކުގެ ސޮފްޓް ކޮޕީވެސް ގެނައުމަށް އެދިފައިވެއެވެ.
"ދަ ކޮމަނާސް" އިން އެދިފައި ވަނީމި ކަމާ ބެހޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް 7434000 އަށް ގުޅުމަށް އެދިފައެވެ.
ފްލެޓް ލިސްޓާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމަށް ހުޅުވާލާފައިވާ އެންމެ ފަހު ތާރީޚަކީ އަންނަ އޭޕްރިލް މަހުގެ 15 ވަނަ ދުވަހެވެ. ހައުސިން މިނިސްޓްރީން ކުރިން ހާމަކޮށްފައިވާ ގޮތުގައި، މިހާތަނަށް އެންމެ ގިނައިން ޝަކުވާ ހުށަހަޅާފައިވަނީ 3 ކޮޓަރީގެ އެޕާޓްމަންޓްތަކާ ގުޅޭ ގޮތުންނެވެ.
ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަލުން މުރާޖަޢާކޮށް އާންމުކުރި ފްލެޓް ލިސްޓް ނެރެފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހުއެވެ. ހައުސިން މިނިސްޓްރީން އަންގާފައިވާ ގޮތުގައި، ފްލެޓަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުން ޝަކުވާ ހުށަހަޅަންވާނީ ގެދޮރުވެރިން ޕޯޓަލް މެދުވެރިކޮށެވެ. އަދި ލިސްޓުގައިވާ ފަރާތަކާ ގުޅޭ ޝަކުވާއެއްނަމަ އީމެއިލް ނުވަތަ މިނިސްޓްރީއަށް އެޑްރެސްކޮށް ފޮނުވާ ސިޓީއަކުން ހުށަހެޅިދާނެއެވެ.
ޝަކުވާ ހުށަހެޅުމާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް މިނިސްޓްރީގެ ނަންބަރު 4004911 އަދި 4004910 އަށް ގުޅުމަށް ހައުސިން މިނިސްޓްރީން އަންގާފައިވެއެވެ.
މި ލިޔުން ކިޔާލުމުން