ފުރިހަމަ މުސްލިމަކީ އޭނާގެ އަތާއި ދުލުގެ ނުބައިކަމުން އެހެން މުސްލިމުން ސަލާމަތްވެގެންވާ މީހާ ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކުރިއަށްގެންދިޔަ ޙާފިޡުން ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.
މިގޮތުން ރައީސް ވަނީ މި މުޖުތަމަޢު ރަނގަޅު ވާނީ އަނެކާއަކީވެސް ތިމާ ފަދައިން ކަރާމާތެއް އޮތް މީހެއްކަމުގައި ޤަބޫލުކުރުމުން ކަމުގައި ވިދާޅުވެ، އެކަމަށް ބާރު އަޅުއްވައިފައެވެ. އަދި އެމަނިކުފާނު ވަނީ މުޅި މުޖުތަމަޢުގެ ކުރިއެރުމަށްޓަކައި އެއް މުސްލިމަކު އަނެއް މުސްލިމަކަށް އިހްތިރާމް ކުރުމަށް ބާރުއަޅުއްވައިފައެވެ.
ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ އަޅުގަނޑުމެންގެ ހަޤީޤީ ވިސްނުން ބަހައްޓަންވީ، ކޮންމެ ދުވަހެއްގެ އަދި ކޮންމެ ވަގުތެއްގެ އަމަލީ މަސައްކަތްތަކާއި، އުޅުމާއި ގުޅުންތައް ބައްޓަންކުރާއިރު، ކީރިތި ޤުރްއާނުގެ ބޭނުން ހިފުމަށް ކަމުގައެވެ. އަދި ކޮންމެ މީހެއްގެވެސް "ގައިޑުބުކް" ނުވަތަ އަމަލީ ގޮތުން ކަންކަން ކުރަންވީގޮތް ބަލައި، ކަންކަން ކުރަންވީގޮތް ދަސްކުރާ ފޮތަކަށް ކީރިތި ޤުރްއާން ހެދުމަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.
މީގެ އިތުރުން، ކީރިތި ޤުރްއާނަކީ ހަމަ އެކަނި ޖަލްސާތަކުގައި ކިޔަވާލަން އޮންނަ ފޮތަކަށް ނުހަދައި، އަމަލީ ފޮތެއްކަމުގައި ހެދުމަށް އެމަނިކުފާނު ގޮވައިލެއްވިއެވެ. ހަމަ އެއާއެކު މި މުޖުތަމަޢުގައި ގެއްލެމުންދާ އިންސާނީ ކަރާމާތް، އަނބުރާ ގެނެވޭނީވެސް ކީރިތި ޤުރްއާނަކީ ކޮންމެ ދުވަހެއްގެވެސް އަމަލުތައް ބައްޓަންކުރާ ފޮތްކަމުގައި ހަދައިގެންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރޭގެ ރަސްމިއްޔާތުގައި ރައީސް ވަނީ ކީރިތި ޤުރްއާނުގައި މަނާކުރައްވާފައިވާ ކަންކަމުން ދުރުހެލިވުމަށްވެސް ބާރުއަޅުއްވައި، އަބުރަށް އަރައިގަތުމުންނާއި، ދެބައޮޑުވުމާއި، ދޮގުވާހަކަ ފެތުރުމުން ދުރުހެލިވުމަށް ނަސޭހަތްތެރިވެ ވަޑައިގެންފައެވެ.
ރައީސްގެ ވާހަކަފުޅު ނިންމަވާލެއްވީ، ކިތަންމެ ގިނަ ބިނާރުތަކެއްގެ މަސައްކަތްކުރެވުނު ނަމަވެސް، ހަޤީޤީ ތަރައްޤީ ހާސިލްވާނީ ކީރިތި ޤުރްއާނާ އެއްގޮތަށް އަމަލުތައް ބައްޓަންކުރެވިގެންކަން ފާހަގަކުރައްވަމުންނެވެ.
މި ލިޔުން ކިޔާލުމުން