މެދުއިރުމަތިން އަންނަ ފަތުރުވެރިން އިތުރުކުރުމަށާއި ރޯދަމަހު ދިވެހިންގެ ދިރިއުޅުން ދުނިޔެއަށް ދައްކައިދިނުމަށް ވިޒިޓް މޯލްޑިވްސްއިން ވަނީ މަޝްހޫރު އެމިރާޓީ އިންފްލުއެންސާ ހާލިދު އަލް އަމޭރީ ރާއްޖެ ގެނެސްފައެވެ.
ސޯޝަލް މީޑިއާގައި 21 މިލިއަނަށްވުރެ ގިނަ ފޮލޯވަރުން ގެންގުޅޭ ސްޓެންފޯޑް ޔުނިވަރސިޓީގެ ގްރެޖުއޭޓް ހާލިދު، ރާއްޖޭގައި ހުންނާނީ މިމަހުގެ 22 އިން 26 އަށެވެ. މިއީ މެދުއިރުމަތީގެ ބޮޑު އޯޑިއަންސަކަށް ރާއްޖޭގެ ތަފާތު ރީތިކަމާއި މުއްސަނދި ސަގާފީ ތަރިކަ ދައްކާލުމުގެ މަގުސަދުގައި ކުރިއަށްގެންދާ ހަރަކާތެކެވެ.
ގަލްފް ބިޒްނަސް "100 މޯސްޓް ޕަވާފުލް އަރަބްސް" ލިސްޓުގައި ހިމެނޭ ހާލިދަކީ ޑައުންޓައުން ދުބާއީ ވޯކް އޮފް ފޭމްއިން ދުބާއީ ސްޓާއެއް ލިބުނު ފުރަތަމަ ސޯޝަލް މީޑިއާ ޝަހުސިއްޔަތެވެ. އޭނާ ފާހަގަވެފައިވަނީ ސަގާފީ ތަފާތުތައް ނައްތާލައި އިސްލާމީ އާދަކާދަތަކާއި މުޖުތަމައުގެ އަސާސްތައް ފުޅާކުރުމުގެ ކުޅަދާނަ އިންފްލުއެންސަރެއްގެ ގޮތުގައެވެ.
މި ދަތުރުގެ މައިގަނޑު މަގްސަދަކީ ހާލިދުގެ ނުފޫޒުގަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މެދުވެރިކޮށް ރާއްޖެ އަކީ އެންމެ ދާން ރަނގަޅު މަންޒިލުގެ ގޮތުގައި އިޝްތިހާރުކޮށް، ދިވެހި ސަގާފަތް ދައްކާލުމެވެ. "މިވަގުތު 3.9 އިންސައްތަ މާކެޓް ހިއްސާ އޮތް މެދުއިރުމަތީގެ ގައުމުތަކުން 2024 ވަނަ އަހަރު ރާއްޖެއަށް 79،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ."
ހާލިދުގެ މި ދަތުރުގައި ފޭސްބުކާއި އިންސްޓަގްރާމްގައި ކޮންމެ ދުވަހަކު ޕޯސްޓްކޮށް ހިތްގައިމު ކޮންޓެންޓް އުފައްދާނެއެވެ. މީގެތެރޭގައި ރާއްޖޭގައި ރަމަޟާން މަހު އޭނާގެ އަމިއްލަ ތަޖުރިބާތަކާއި، ގޮނޑުދޮށުގައި ރޯދަވީއްލުން ފަދަ ރާއްޖޭގެ ސަގާފީ އާދަކާދަތަކާއި މެދުއިރުމަތީގެ ފަތުރުވެރިންނަށް ހާއްސަ ލަގްޒަރީ ތަޖުރިބާތަކަށް އަލިއަޅުވާލާނެއެވެ.
މި ލިޔުން ކިޔާލުމުން