ރަމަޟާންމަހުގެ ފަހު 10 ގައި ގްރޭޓަރ މާލޭ ސަރަޙައްދުގައި ބަހުގެ ޚިދުމަތްދޭ ގަޑިތައް އިތުރުކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ނިންމައިފިއެވެ.
އެމްޓީސީސީން މިކަން އިޢުލާނުކުރަމުން ބުނެފައިވަނީ، މާލެއާއި ހުޅުމާލެއާ ދެމެދު އަދި މާލެތެރޭގައި ފޯރުކޮށްދެމުންދާ އާރްޓީއެލް ބަހުގެ ޚިދުމަތް ރަމަޟާންމަހުގެ ފަހު 10 ގެ ރޭތަކުގައި ދަތުރުވެރިންނަށް އިތުރު ފުރިހަމަކަމަކާއެކު ދިނުމަށްޓަކައި މިރެއިން ފެށިގެން މި ޚިދުމަތްދޭ ގަޑިތައް އިތުރުކުރަން ނިންމާފައިވާ ކަމަށެވެ.
މި ބަދަލާ އެކު، މާލެއާއި ހުޅުމާލެއާ ދެމެދު ދަތުރުކުރާ R1، R2، R6، R7 އަދި R8 ގެ ދަތުރުތަކާއި، މާލެތެރޭގައި ދަތުރުކުރާ R10 އަދި R11 ގެ ދަތުރުތައް ރޭގަނޑު 2:00 އާ ހަމައަށް ކުރިއަށް ގެންދާނެއެވެ. މީގެ ކުރިން މި ރޫޓްތަކުގެ ބަސް ދަތުރުތައް ހުއްޓާލަމުން އައީ ރޭގަނޑު 12:00 ގައެވެ.
"މި ބަދަލުތަކަކީ ރަމަޟާންމަސް ފެށުނީއްސުރެ ދަތުރުވެރިން އެންމެ ގިނައިން ބަހުގެ ޚިދުމަތް ބޭނުންކުރާ ގަޑިތަކާއި މިންވަރަށް ބަލައި، އާންމުންގެ ޚިޔާލުތަކަށް ރިޢާޔަތްކޮށް ގެނެސްފައިވާ ބަދަލުތަކެއް،" އެމްޓީސީސީން ބުނެފައިވެއެވެ.
ރާއްޖޭގައި ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުނީގެ ހައިސިއްޔަތުން، އެކަށީގެންވާ އަގުގައި ލުއިފަސޭހަކަމާއެކު ބޭނުންކުރެވޭ، ކަނޑާއި އެއްގަމުގެ ދަތުރުފަތުރުގެ ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ އެމްޓީސީސީގެ މައިގަނޑު މަޤްޞަދު ކަމުގައި އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.
މި ލިޔުން ކިޔާލުމުން