1988 ވަނަ އަހަރުގެ ނޮވެމްބަރު 3 ވަނަ ދުވަހު ހިނގި ހަނގުރާމައިގައި ޝަހީދުވި ސިފައިންގެ އާއިލާތަކަށާއި، އެ ހަނގުރާމައިގައި ހިތްވަރުގަދަކަން ދައްކުވައިދިން ފަރާތްތަކަށް ޚާއްސަ އެލަވަންސެއް ދިނުމަށް ދިފާޢީ ވުޒާރާއިން އުސޫލެއް އާންމުކޮށްފިއެވެ.
މި އުސޫލުގެ ދަށުން ޝަހީދުންގެ އާއިލާގެ ގޮތުގައި ބަލާނީ އެ ބޭފުޅެއްގެ މައިންބަފައިންނާއި އުފަން ދަރީންނާއި ހުވަފަތް އަނބިމީހާއެވެ. މި ފަރާތްތަކަށް މަހަކު 9,000 ރުފިޔާގެ އިނާޔަތެއް ދެވޭނެއެވެ. މި އިނާޔަތް ލިބެމުންދާނީ އެ ފަރާތްތައް ދުނިޔޭގައި ތިބިހާ ހިނދަކުއެވެ.
ހަނގުރާމައިގައި ހިތްވަރުގަދަކަން ދެއްކެވި ފަރާތްތަކަށް ދެވޭ އިނާޔަތުގެ ތެރޭގައި، ހުރަވީ ރަން މެޑެލި ލިބިފައިވާ ފަރާތްތަކަށް މަހަކު 9,000 ރުފިޔާ، ހުރަވީ ރިހި މެޑެލި ލިބިފައިވާ ފަރާތްތަކަށް މަހަކު 8,000 ރުފިޔާ، އަދި ހިތްވަރުގަދަކަމުގެ ކުލަ ލިބިފައިވާ ފަރާތްތަކަށް މަހަކު 6,000 ރުފިޔާ ހަމަޖެހިފައިވެއެވެ.
އުސޫލުގައިވާ ގޮތުން، މި އިނާޔަތް ލިބޭ ފަރާތެއް މަރުވެއްޖެނަމަ، އެކަން 1 މަސްދުވަހުގެ ތެރޭގައި ދިފާޢީ ވުޒާރާއަށް އަންގަންޖެހޭނެއެވެ. އަދި އެހިސާބުން އިނާޔަތް ދިނުން ހުއްޓާލެވޭނެއެވެ.
މިއީ ޤައުމީ ބަޠަލުންގެ ޚިދުމަތުގެ އަގު ވަޒަންކުރުމަށާއި ޤައުމީ ލޯތްބާއި ދިވެހި ޤައުމިއްޔަތު ދިރުވުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ އިސްކަން ހާމަވެގެންދާ ކަމެކެވެ. ސަބަބަކީ މި އިނާޔަތް ދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެއް ކަމަށްވާތީއެވެ.
މި ލިޔުން ކިޔާލުމުން